ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މިރޭ މަރުވެފައި ވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 8:57 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 18 ވަނަ މީހާއެވެ.

ކޮވިޑްގެ ޖެހިގެން ރޭ ވެސް ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. އުމުރުން 52 އަހަރުގެ އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އައީ ނޭވާލާން އުނދަގޫ ވެގެން އިއްޔެ ހަވީރުއެވެ. ނަމަވެސް ރޭ 11:20 ގައި އެމީހާ ވަނީ މަރުވެފައެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރެކޯޑް އަދަދަކަށް އެ ބަލި ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 215 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ.

ކޮވިޑްގެ ހާލަތު މި މަހު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އައު ޕްރޮޖެކްޝަންގެ މައުލޫމާތު ހިއްސާކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޮގަސްޓް މަހު ކޮވިޑްގެ ހާލަތު ނުރައްކާ ހާލަތަކަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށާ ލަފާ ކުރެވޭ ކަމަށާ މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޑރ. ޝީނާ ވިދާޅުވީ ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. ނޮވެންބަރު މަހުގެ ތެރޭގައި ދުވާލަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.