ޗެލްސީގެ ކުރީގެ އެސިސްޓެންޓް ކޯޗް އެޑީ ނިއުޓަން، ތުރުކީގެ ވަރުގަދަ ކުލަބެއް ކަމަށްވާ ޓްރަބްޒޮންސްޕޯގެ ހެޑް ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.
ތުރުކީގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ، ޓްރަބްޒޮންސްޕޯގެ އެސިސްޓެންޓް ކޯޗަކަށް ވުމަށްޓަކައި، ޗެލްސީގެ ކޯޗިން ޓީމުން ނިއުޓަން ވަކިވީ ފެބްރުއަރީ މަހު އެވެ. ޓްރަބްޒޮންސްޕޯގެ ކޯޗަކަށް ހުރި ހުސައިން ޖިމްސާ މަގާމުން ވަކި ވުމުން، ވަގުތީ ކޯޗެއްގެ ގޮތުގައި އެ ޓީމުގެ ހެޑް ކޯޗްގެ ޒިންމާތަކާ ހަވާލުވީ ނިއުޓަން އެވެ.
ވަގަުތީ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ، މިދިޔަ ބުދަ ދުވަހު ޓާކިޝް ކަޕްގެ ޗެމްޕިއަންކަން ޓްރަބްޒޮންސްޕޯ އަށް ހޯދައި ދީފަ އެވެ. ފައިނަލުގައި އަލަންޔަސްޕޯއާ ދެކޮޅަށް ޓްރަބްޒޮންސްޕޯ ކުޅުނު މެޗަކީ ނިއުޓަން އެ ޓީމަށް ކޯޗް ކޮށްދިން ދެ ވަނަ މެޗެވެ.
ތުރުކީ ލީގްގެ ދެ ވަނަ މަގާމުގައި މި ސީޒަންގައި ޓްރަބްޒޮންސްޕޯ ވަނީ ނިންމާލާފަ އެވެ. އެހެންނަމަވެސް އެ ޓީމަށް ޗެމްޕިއަންސް ލީގްގައި ވާދަ ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފް ވުމުން ޔޫއެފާއިން ވަނީ ދެ އަހަރު ވަންދެން ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭ ގޮތަށް އެ ޓިމާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ.
ނިއުޓަން ވަނީ، ކޯޗިން ސްޓާފެއްގެ ގޮތުގައި އަށް އަހަރު މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ޗެލްސީގައި ދެ ކޯޗެއްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ޗެލްސީއަށް 2012 ވަނަ އަހަރު ކޯޗް ކޮށްދިން ރޮބާޓޯ ޑި މަޓޭއޯގެ އެސިސްޓެންޓެއްގެ ގޮތުގައި އެ އަހަރުގެ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި ފަހުން ގޫސް ހިޑިންކްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އެވެ.
ޓާކިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުން ޓްރަބްޒޮންސްޕޯގެ ބޯޑުން ވަނީ އެ ކުލަބުގެ ރަސްމީ ކޯޗެއްގެ ގޮތުގައި ނިއުޓަން ހަމަޖައްސާފަ އެވެ. އެއީ ހެޑް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ކުލަބެވެ. ޓްރަބްޒޮންސްޕޯގެ ކޯޗްކަމާ ރަސްމީކޯށް ހަވާލު ވުމަށް ފަހު ނިއުޓަން ބުނީ، ކަޅު ނަސްލުގެ ކޯޗުންނަށް އޭނާގެ އަމިއްލަ ގައުމު އިނގިރޭސި ވިލާތުގައި ނުލިބޭ ފުރުސަތުތައް އެހެން ގައުމުތަކުގައި ލިބޭ ކަމަށެވެ. އަދި އޭނާ ގައުމު ދޫކޮށް ތުރުކީއަށް ބަދަލުވީވެސް އެ ފުރުސަތު މާ ބޮޑަށް ފަހިވާނެތީ ކަމަށްވެސް ކުރިން ޗެލްސީއަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.