ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ވެކްސިން: އިންޑިޔާގެ ބިލިއަނަރަކު ނަގަނީ ބޮޑު ރިސްކެއް

މިދިޔަ މޭ މަސް ފެށުނު ތަނާ ވަރަށް ރަނގަޅަށް ބަންދު ކޮށްފައިވާ ފޮއްޓެއް ސީރަމް އިންސްޓިޓީއުޓް އޮފް އިންޑިޔާގެ ކޯލްޑް ރޫމަށް ގެނައެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދެއްގެ ވެކްސިން އުފައްދާ މައި އިދާރާ އެވެ.

މި ފޮށީގެ އެތެރޭގައިވާ އައިސްގަނޑުގެ ތެރޭގައި ވަނީ އިންގްލެންޑްގެ އޮކްސްފޯޑް ޔުނިވަސިޓީން ފޮނުވި 1-މިލިލިޓާގެ ބިއްލޫރި ވައަލް އެކެވެ. ނުވަތަ އިންޖެކްޝަން ފުޅި ފާޑުގެ ކުޑަކުޑަ ފުޅިއެކެވެ. މި ފުޅީގައި ހުރީ ދުނިޔެ އެ ވެކްސިން އަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ އަދި އެންމެ މިވަގުތު އެންމެ އުންމީދީ ކޮރޯނާވައިރަސް ވެކްސިންއެއްގެ ގޮތުގައި ބެލެވިފައިވާ ވެކްސިންގެ ސެލިއުލާ މެޓީރިއަލް އެވެ.

ހުދުކުލައިގެ ލެބް ކޯޓުގައި ތިބި ސައިންސްވެރިން މި ވައިލް ގެންދިޔައީ ބިލްޑިންގް 14 އަށެވެ. އަދި ފަރުވާތެރި ކަމާއެކު ފުޅީގައި ހުރި އެއްޗެހި ތަރުމޯޒަކަށް އެޅި އެވެ. އަދި މެދުމިން ވަރަކަށް ވިޓަމިންސް އާއި ހަކުރު އަޅައި އެތައް ބިލިއަން ސެލްއެއް އުފެއްދުމުގެ މަރުހަލާ ފެށި އެވެ. އެއާއެކު ދުނިޔޭގައި މިހާތަނަށް ފަށާފައިވާ އެންމެ ވާނުވާ ނޭނގޭ މަސައްކަތް ފެށުނީ އެވެ. މިއީ ކޮވިޑް-19 އިގެ ބިރުވެރި ހުވަފެނަށް ނިމުމެއް ގެނައުމަށް ފެންބޮވައިގެންފައިވާ މީހުންގެ ހުރިހާ އުންމީދަކާ ގުޅިފައިވާ މަސައްކަތެކެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އަކީ އިންޑިޔާގެ އެންމެ މުއްސަނދި އެއް އާއިލާއަކުން ކޮންޓްރޯލްކުރާ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރި އެކެވެ. ވެކްސިން އުފައްދާ ދުނިޔޭގެ އެހެން ބައެއް ގައުމުތަކަކާއެކު މި ކުންފުނި ވެސް މި ވަނީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އެތައް ސަތޭކަ ހާސް ޑޯޒް އެއްގެ ވެކްސިން މިތަނުން އުފައްދަމުން ދާނެ އެވެ. ނަމަވެސް މި ވެކްސިން އަކީ އަދި އަޖުމަބެލުމުގެ މަރުހަލާތައް ފުރިހަމަ ނުވާ ވެކްސިން އެކެވެ. އަދި ކުރިޔަށް ދަނީ ވެކްސިންގެ ތިން ވަނަ ޓްރައަލް އެވެ.

ހުރިހާ ޓްރައަލް އެއް ފުރިހަމަވާއިރު ވެކްސިން އެކަށީގެންވާ އެއްޗަކަށް ނުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނަމަވެސް ވެކްސިން އަކީ ކާމިޔާބު އެއްޗަކަށް ވެއްޖެނަމަ ސީރަމްގެ ޗީފް އެގްޒެކެޓިވް އަދި މި ކުންފުނީގެ ބާނީގެ ހުރި ހަމައެކަނި ދަރި އާދަރް ޕޫނާވާލާ އަކީ ދުނިޔޭގައި ނެތް ފަދަ ބޮޑު މުއްސަންޖަކަށް ވާނެ އެވެ.

ސަބަބަކީ އޭނާގެ އަތުގައި އޭރުން ހުންނާނީ ދުނިޔޭގެ އެންމެން ވެސް އެ އެއްޗަކަށް އެންމެ ބޭނުންވާ އެއްޗެވެ. މިހާރުއްސުރެ އުފެއްދުމުގެ މަސައްކަތް ފަށާފައިވާތީ އެހެން މީހުންގެ އަތުގައި ހުރި ވަރަށް ވުރެ މާ ގިނައިން ވެސް އޭނާގެ އަތުގައި މި ވެކްސިން ހުންނާނެ އެވެ. ކާމިޔާބުވެއްޖެނަމަ މިއަށްވުރެ އަގުހުރި އެއްޗެއް މުޅި ދުނިޔޭގައި ވެސް ނުވާނެ އެވެ.

އޮކްސްފޯޑްގެ ސައިންސްވެރިންގެ ޓީމާއި ޕޫނާވާލާގެ ސީރަމް އިންސްޓިޓިއުޓް އިން މި އުފައްދާ ވެކްސިން އަކީ މިދިޔަ އޭޕްރީލް މަހު އިއުލާން ކުރި އެންމެ އުންމީދީ ވެކްސިން އެވެ. މި ވެކްސިން ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ ކްލިނިކަލް ޓްރައަލްސް ނުނިމެނީހެވެ. މިއީ ހަގީގަތުގައި ވަރަށް ބޮޑު ރިސްކެކެވެ. ވެކްސިން ނާކާމިޔާބު ކަމަށް ކްލިނިކަލް ޓްރައަލްސް ތަކުން ދައްކައިފިނަމަ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ޕޫނާވާލާގެ ކުންފުންޏަށް ލިބޭނެ އެވެ. ނަމަވެސް މިއީ ބޮޑު ރިސްކެއް އޮތް ކަމެއް ނަމަވެސް ކާމިޔާބުވެއްޖެނަމަ އެހާ ފައިދާއާއި އިންސާނިއްޔަތަށް ވެސް ކޮށްދެވޭ އަގުނުކުރެވޭ ވަރުގެ ޚިދުމަތަކަށް ވާނެ އެވެ.

މިހާރު ޕޫނާވާލާގެ ސީރަމް ކުންފުނި ވަނީ ވަރަށް ހަލުވިކަމާއެކު ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީއެއް ވެ ނިމިފަ އެވެ. މިތަނުން 500 ޑޯޒް ވެކްސިން މިނިޓެއް ތެރޭ އުފެއްދޭނެ އެވެ. އެއާއެކު ޕޫނާވާލާގެ ފޯނު ރިންގް ވުން ހުއްޓޭ އެންމެ ވަގުތުކޮޅެއް ވެސް ނުދެ އެވެ.

އެކި ގައުމުތަކުގެ ބޮޑުވަޒީރުންނާއި އިސް ވެރިން، ހެލްތު މިނިސްޓަރުން، (ކޮން ގައުމުތަކެއްގެ މީހުންނެއް ކަމެއް ޕޫނާވާލާ ނުބުނެ އެވެ.) އަދި އެތައް ޒަމާނަކުއްސުރެ އެއްވެސް ޚަބަރެއް ވެފައި ނެތް ރައްޓެހިން ވެސް ޕޫނާވާލާ އަށް ގުޅައިގެން ވެކްސިންގެ ފުރަތަމަ ބެޗުން ބައެއް ދޭން އެދި އާދޭސްކުރަމުން ދަނީ އެވެ.

"އަހަރެން އެމީހުން ކައިރީގައި ބުނަނީ އެގޮތަކަށް އަހަންނަކަށް މިއެއް ނުދެވޭނޭ،" ޕޫނާވާލާ ބުންޏެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެ އެފުށް މިފުށަށް ޖެހި އެތައް ހާސް ބައެއްގެ ފުރާނަ ކޮންމެ ދުވަހަކު ގެއްލެމުން ދާއިރު މިކަމުން ސަލާމަތް ވެވޭނެ ކަމުގެ އުންމީދާ ގުޅިފައިވަނީ ވެކްސިން އާ އެވެ.

ޕޫނާވާލާގެ ސީރަމް އިންސްޓިޓިއުޓް އަކީ މިހާރުވެސް ދުނިޔޭގެ އާބާދީގައި ހިމެނޭ ކުޑަކުދިންގެ ދެބައިކުޅަ އެއްބައި ކުދިންގެ ގަޔަށް ޖަހާ ވެކްސިން ތައްޔާރުކުރާ އިންސްޓިޓީއުޓެވެ. އެހާވެސް މި ތަނުގެ ފެންވަރު ރަނގަޅުވެފައި މަސައްކަތް ހަލުވި އެވެ. ވެކްސިން ރައްކާކުރަން ބޭނުންވާ ބިއްލޫރި ވައަލްގެ 600 މިލިއަން ވައަލްގެ ޝިޕްމަންޓެއް ދާދިފަހުން ޕޫނާވާލާގެ އޯޑަރަށް ތައްޔާރުކޮށް އޭނާއަށް މި ފުޅިތައް މިހާރު ވަނީ ލިބިފަ އެވެ. މިއީ ކޮވިޑް-19ގެ ވެކްސިން އުފައްދާ ރައްކާކުރާ ފުޅިތަކެވެ.

ސީރަމް އިންސްޓިޓިއުޓްގައި މަސައްކަތްކުރާ ސައިންސްވެރިން ކޮންމެ އަހަރަކު ތަފާތު ވެކްސިންގެ 1.5 ބިލިއަން ޑޯޒް ތައްޔާރުކުރެ އެވެ. މީގެން ބޮޑު ބައެއް ގެންދަނީ ފަގީރު ގައުމު ތަކަށެވެ.

ޕޫނާވާލާގެ ކުންފުނިން މިހާރު އުފައްދަން ފަށާ ކޮވިޑް-19 ވެކްސިންގެ ތެރެއިން އިންޑިޔާގައި ބަހައްޓާނީ ކިހާ ވަރެއް ކަމެއް އަދި ބޭރު ގައުމުތަކަށް ފޮނުވާނީ ކިހާވަރެއް ކަމެއް އަދި ޔަގީނެއް ނޫނެވެ. އިންޑިޔާގެ އާބާދީގައި 1.3 ބިލިއަން މީހުން އެބަތިއްބެވެ. އެހެންކަމުން އެހެން ގައުމުތަކަށް ވުރެ ގިނައިން އެ ގައުމަށް ވެކްސިން ބޭނުންވެ އެވެ.

ޕޫނާވާލާ، 39، ބުނީ އޭނާގެ ކުންފުނިން އުފައްދާ ކޮވިޑް-19 ވެކްސިން ދެބައިކޮށްލާފައި އެއްބައި އިންޑިޔާ އަށް އަދި އަނެއްބައި އެހެން ގައުމުތަކަށް ދޭން ގަސްތުކުރާ ކަމަށެވެ. ޚާއްސަކޮށް ފަގީރު ގައުމުތަކަށް ދިނުމަކީ އޭނާ ބޭނުންވާ ގޮތެވެ.

އޮކްސްފޯޑުން ފަރުމާ ކޮށްފައިވާ ވެކްސިން އަކީ މިހާރު ކޮވިޑް-19 އަށް ފަރުމާ ކޮށްފައިވާ އަދި ކްލިނިކަލް ޓްރައަލްސްތަކުގެ އެކި މަރުހަލާތަކުގައިވާ ހަތް ވަރަކަށް ވެކްސިންގެ ތެރެއިން ވެސް އެންމެ އުންމީދީ އަދި އެންމެ ކުރީގައި އުޅޭ ވެކްސިން އެވެ. އަދި ސީރަމް އިންސްޓިޓިއުޓް ނޫނަސް ދުނިޔޭގެ ވެކްސިން އުފައްދާ ވަރަށް ގިނަ ގައުމުތަކުގެ އިންސްޓިޓިއުޓްތަކުން ވަރަށް އަވަހަށް މި ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތައް އުފައްދަން ފަށާނެ އެވެ. އަދި އެ ވެސް ވެކްސިން ކާމިޔާބުކަމުގެ ފުރިހަމަ ޔަގީންކަމެއް ނެތި އެވެ.

ހަގީގަތުގައި ވެކްސިން އެއް ފައްކާ ކުރުމަށާއި އުފެއްދުމަށް ވަރަށް ވަގުތު ބޭނުންވެ އެވެ. ބައޯރިއެކްޓާ ތަކުގައި ލައިވް ކަލްޗާ އުފައްދަން އެތައް ހަފުތާއެއް ނަގަ އެވެ. އަދި ވެކްސިން އަޅާ ކޮންމެ ވައަލް އެއް ނުވަތަ ބިއްލޫރި ފުޅިއެއް ފަރުވާތެރިކަމާއެކު ސާފުކޮށް، ވެކްސިން އަޅާ، ބަންދުކޮށް، ސީލްކޮށް ޕެކޭޖްކުރަން ޖެހެ އެވެ.

މިހާރު ވިސްނާފައި ވަނީ ލައިވް ކަލްޗާކުރުމުގެ މަރުހަލާއާއެކު އުފެއްދުމުގެ މަރުހަލާ ވެސް ފަށައިގެން ކުރިޔަށް ގެންދާށެވެ. އަދި އެވެސް ވެކްސިންގެ ޓްރައަލް މަރުހަލާތައް ނުނިމެނީހެވެ. ކާމިޔާބުވާނެ ކަމުގެ އުންމީދުގަ އެވެ. ޓްރައަލްތައް ނިމި ކާމިޔާބުކަން ސާބިތު ވެއްޖެނަމަ ވަގުތުން މީހުންނަށް ވެކްސިން ދޭން ފެށޭ ވަރު ކުރުމަށެވެ. މިކަން ޔަގީން ކުރެވޭނީ ކުރިޔަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އެއްވެސް މީހަކަށް އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގޭނެ އެވެ. ވެކްސިން ޑޯޒްތައް އަތަށް ލައިގެން މިއީ ކާމިޔާބު އެއްޗަކަށް ވޭތޯ ދުޢާ ކޮށްލަ ކޮށްލަ ތިބުން ނޫން ގޮތެއް ނެތީމަ އެވެ.

އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ވެސް މިހާރު ކުރަނީ ހަމަ މި މަސައްކަތެވެ. ބޭސް އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގައި އެންމެ ނަން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން، ފައިޒާ، ސަނޯފީ އަދި އަސްޓްރާޒެނެކާ ފަދަ ކުންފުނިތަކަށް އެތައް ބިލިއަން ޑޮލަރެއް ދީގެން ވެކްސިން ކުރަމުންދަނީ ހަމަ މި ވެކްސިން އުފެއްދުމުގެ މަސައްކަތެވެ.

އޮކްސްފޯޑް ސައިންސްވެރިންގެ ލީޑް ޕާޓްނަރު އަސްޓްރާޒެނެކާ އާއެކު އެމެރިކާއިން ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ޔޫރަޕާއި އެމެރިކަގެ މާކެޓްތަކަށް ބޭނުންވާ ވެކްސިން އުފެއްދުމަށެވެ. ސީރަމް އިންސްޓިޓިއުޓް އަށް ވެސް ވެކްސިން އުފެއްދުމުގެ ހުއްދަ ދިނީ ހަމަ އޮކްސްފޯޑުންނެވެ.

ނަމަވެސް ތަފާތަކީ ސީރަމް އިންސްޓިޓިއުޓުން މިހާ ބޮޑު ރިސްކެއް ނަގަނީ އެ ކުންފުނީގެ އަމިއްލަ ފައިސާ އިން ކަމަށް ވުމެވެ.
މުއްސަނދި ކުޑަ އާއިލާއެއްގެ މި ވިޔަފާރީގައި މިފަހަރު އެމީހުން ނަގާފައިމިވަނީ ދުވަހަކުވެސް ކުންފުންޏަކުން ނަގަން ހެޔޮނުވާވަރުގެ ރިސްކެކެވެ. ނާކާމިޔާބު ވެއްޖެނަމަ އެ އާއިލާއަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ގެއްލުން ލިބޭނެ އެވެ.

ޕޫނާވާލާ ބުނީ އޮކްސްފޯޑް ވެކްސިން ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތީ 70-80 ޕަސެންޓަށް ކަމަށެވެ. އެހެންކަމުން މިހާ ބޮޑު ރިސްކެއް ނަގައި އޭނާގެ އާއިލާ ބޮޑު ފުން ވަޅުގަނޑަކަށް ނުވެއްޓި ސަލާމަތްވުމަކީ އޭނާގެ އުންމީދެވެ.