ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކް އެޅުން އިސްތިސްނާވާ ހާލަތްތައް އާންމުކޮށްފި

Aug 3, 2020
2

ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، އެހެން އުޅުމުގެ ތެރޭގައި މާސްކް އެޅުން އިސްތިސްނާވާ މީހުނާއި ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން އާންމު ކުރި އިއުލާނެއްގައިވާ ގޮތުން، މާލެ ސަރަހައްދުގައި ބޭރުގައި އުޅޭއިރު ދެ އަހަރު ނުވާ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި ނުނެގޭ މީހުންނަށް މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށެވެ.

އޭގެ އިތުރުން، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތުގައި ވެސް މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ އެއް ގޮތަށް ހިދުމަތް ދެމުންދާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނަށް ހިދުމަތް ހޯދަންދާ މީހުން ވެސް މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުއަށް ލިބިދޭ ބާރުގެ ދަށުން ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ކުރީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މާސްކް ނާޅާ އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެ ގޮތަށް ޖޫރިމަނާ ކުރާނީ ނަސޭހަތް ދިނުމަށް ފަހުގައި ވެސް އަލުން އެ ގޮތަށް ތަކުރާރު ކުރާނަމަ އެވެ.