ކުޅިވަރު

ޔުނައިޓެޑުން ސަންޗޯގެ ޓްރާންސްފާއާ ކައިރިއަށް

ބުރޫޝިއާ ޑޯޓަމުންޑްގެ އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯގެ ސޮއި ހޯދުމާ ކައިރިއަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފި އެވެ.

ސަންޗޯ ގެންދިއުމަށް ޔުނައިޓެޑުން ވަނީ، 100 މިލިއަން ޔޫރޯގެ އަގެއް ޑޯޓަމުންޑަށް ދޭން ހުށަހަޅާފަ އެވެ. ޓްރާންސްފާ އާ ގުޅިގެން ދެ ކުލަބުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ މުހިންމު ހިސާބަކަށް މިހާރު ވަނީ ގޮސްފަ އެވެ.

އަދި މިހާތަނަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވިނަމަވެސް، ޔުނައިޓެޑުން ހުށަހާލާފައިވާ ޕެކޭޖާމެދު ޑޮޓަމުންޑުން ހިތްހަމަޖެހޭ ކަމަށް ދަ ގާޑިއަން ނޫހުން ބުނެއެވެ. ޔުނައިޓެޑުން ހުށަހަޅާފައި ވަނީ 100 މިލިއަން ޔޫރޯ އިންސްޓޯލްމެންޓް އުސޫލުން ދިނުމާއެކު ޕާފޯމަންސް ބޯނަސްގެ ގޮތުގައި އިތުރު 20 މިލިއަން ޑޮޓަމުންޑަށް ދޭ ގޮތަށެވެ.

ވާދަވެރި މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާއަށް، ޔުނައިޓެޑުން ފާރަ ލަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ސިޓީ ދޫކޮށް، 2017 ވަނަ އަހަރު ސަންޗޯ ޑޯޓަމުންޑަށް ބަދަލުވީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. ޑޯޓަމުންޑަށް އޭނާ ބަދަލުވީ ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި، 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ހޯދައި ދިނުމަށްޓަކައި ސަންޗޯ ވަނީ އެ ޓިމުގައި މޮޅުކުޅުމެއް ދައްކާފަ އެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން، ޔުނައިޓެޑަށް ޖާގަ ލިބުމުން ޓްރާންސްފާގައި ރަނގަޅު ހޭދަތަކެއް ކުރުމުގެ ވިންނުންތަކެއް ޔުނައިޓެޑުން ދަނީ ގެންގުޅެމުންނެވެ.