އިންގެލޭންޑް

ގައުމީ ޓީމަށް ނުނެގުމުން ސަންޗޯ ހިތުގައި ޖެހިއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި މި މަހު އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް އެކުލަވާލި 28 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ނުލިބުމުން މާޔޫސްވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް ޖޭޑަން ސަންޗޯ ބުނެފި އެވެ.


ދެ މެޗަށް އިންގްލެންޑް ޓީމު އިއްޔެ އިއުލާންކުރިއިރު ސަންޗޯގެ އިތުރުން އޭނާއާ އެކު ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑަށް ވެސް ފުރުސަތެއް ނުލިބުނެވެ. ރަޝްފޯޑަށް ފުރުސަތު ނުލިބުމުގެ މައިގަނޑު ސަބަބަކީ އޭނާ މިހާރު އަނިޔާ އަށް ފަރުވާ ހޯދަމުން ދިއުމެވެ.

"ސްކޮޑުން ފުރުސަތު ނުލިބުމަކީ ނުތަނަވަސްކަމެއް. ބުރަކޮށް މަސައްކަތްކޮށް އުއްމީދަކީ ވޯލްޑް ކަޕްގެ ޓީމުގައި ހިމެނުން" ރޭ ޔޫއެފާ ޔޫރޮޕާ ލީގުގައި ޝެރިފް ޓްރިސްޕޯލް އަތުން މޮޅުވި މެޗަށް ފަހު ސަންޗޯ ބުންޏެވެ.

ރޭގެ މެޗުގައި ސަންޗޯ ގޯލު ޖެހިއިރު ގޯލު ޖަހަން އިތުރު ފުރުސަތުތައް ތަނަވަސްކުރި އެވެ. ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެ މިދިޔަ ސީޒަނުގައި ސަންޗޯ އަށް މޮޅު ކުޅުމެއް ނުދެއްކުނެވެ. އެކަމަކު މި ސީޒަނުގައި ކުޅުން ރަނގަޅުކޮށް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވަނީ ތިން ގޯލު ޖަހާފަ އެވެ.

ސަންޗޯ ބުނީ ސްކޮޑުން ފުރުސަތު ނުލިބުމުން އޭނާ އަށް އޮތީ އަމިއްލަ ނަފްސާ މެދު ވިސްނައި ބުރަކޮށް މަސައްކަތްކުރުން ކަމަށެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ސަންޗޯ ގޯލު ޖެހުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

"އެކަމަކު އަދިވެސް ރަނގަޅު ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި. ސަބަބަކީ އެއީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް" ޓެން ހާގްގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ހިމެނޭ ކުޅުންތެރިޔާއާ ގުޅޭގޮތުން ބުންޏެވެ.

ގައުމީ ޓީމަށް 23 މެޗު ކުޅެފައިވާ ސަންޗޯ އަށް އެންމެ ފަހުން ގައުމީ ސްކޮޑުން ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެފަހުން އޭނާގެ ފޯމު ދަށްވުމުން ސްކޮޑުން ފުރުސަތު ލިބޭގޮތެއްނުވި އެވެ.

"ބައެއް ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ކޮންމެހެން ހިމަނަން ޖެހުނު. އެކަމަކު އޭގެ މާނައެއް ނޫން ދެން ތިބި ކުޅުންތެރިންނަށް ދޮރު ބަންދުވީއޭ" އިންގްލެންޑުގެ ސްކޮޑާ ގުޅޭގޮތުން ކޯޗު ގަރެތު ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުގެ ޓީމަށް ނެގި ކުޅުންތެރިންނަށް ބަލާއިރު ސަންޗޯ އަށް ވުރެ ގޯލު ރެކޯޑް ދަށް ބައެއް ކުޅުންތެރިން ހިމެނުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ޓީމުގައި ހިމެނުނު އާސެނަލްގެ ބުކާޔޯ ސަކާ މި ސީޒަނުގައި އެއް ގޯލު ޖެހިއިރު ޗެލްސީގެ މޭސަން މައުންޓާއި މެންޗެސްޓަރ ސިޓީގެ ޖެކް ގްރީލިޝް އަށް މި ސީޒަނުގައި އަދި ގޯލެއް ނުޖެހެ އެވެ. އެ ދެކުޅުންތެރިންގެ ފޯމު ވެސް މި ސީޒަނުގައި ފެންނަނީ ދަށްކޮށެވެ.

"މިފަހަރު ނެގި ސްކޮޑަށް ކޯޗު އިސްކަންދިނީ ސަބަބެއް އޮވެގެން. ވެދާނެ އެއީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ވީމަ ކަމަށް ވެސް. އެކަމަކު އަހަރެންނަށް ގަބޫލުކުރެވެނީ ގްރީލިޝް އަށް ވުރެ ސަންޗޯ އަށް ޓީމުން ފުރުސަތު ހައްގު ކަމަށް" އިންގްލެންޑާއި ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުންޏެވެ.

ނޭޝަންސް ލީގުގައި މި މަހު އިންގްލެންޑް ނުކުންނާނީ އިޓަލީ އާއި ޖަރުމަނާ ދެކޮޅަށެވެ. އެ މެޗުތަކަށް ނެގި ސްކޮޑުން މުޅިން އަލަށް ފުރުސަތު ލިބުނީ ބްރެންޓްފޯޑުގެ ފޯވާޑް އައިވަން ޓޯނީ އަށެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޓޯނީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ސްކޮޑުން ފާހަގަކުރެވުނު އަނެއް ބަދަލަކީ މިހާރު ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ހެރީ މެގުއާ ހިމެނުނެވެ.