ކުޅިވަރު

ރެފްރީއާ ދިމާލަށް ކެއްސާލައިފިނަމަ ރަތް ކާޑު

މެޗުގައި އިދިކޮޅު ކުޅުންތެރިޔާއަށް ނުވަތަ ރެފްރީއާ ދިމާލަށް ގަސްތުގައި ކެއްސާލައިފިނަމަ ރަތް ކާޑު ނުވަތަ ރީނދޫ ކާޑެއް ދައްކާ ގޮތަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އަންނަ ސީޒަނުން ފެށިގެން، އިންގްލެންޑްގެ ހުރިހާ ޑޮމެސްޓިކް މުބާރާތަކުގައި އެ ގަވާއިދަށް އަމަލު ކުރާނެ އެވެ. މީގެ ކުރިން ދަނޑުމަތީގައި ކާޑު ދައްކަނީ ކުޅުންތެރިޔަކަށް ފިޒިކަލީ ފައުލު ކުރުމުންނާއި ދަނޑުމަތީގައި ބޭއަދަބީ ބަހުން ކުޅުންތެރިޔާއަށް ނުވަތަ ރެފްރީއަށް ނިސްބަތް ކުރުމުންނެވެ.

މި ފިޔަވަޅަކީ ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅާ ފިޔަވަޅެކެވެ. އިނގިރޭސި އެފްއޭއިން ވަނީ އެ ގައުމުގައި ކުޅޭ ޑޮމެސްޓިކް ހުރިހާ މުބާރާތެއްގައި އޮފިޝަލް ކަންކުރާ ރެފްރީންނަށް އެގޮތަށް އަމަލު ކުރުމަށް އަންގާފަ އެވެ.

ރެފްރީންނަށް ހާއްސަކޮށް އިނގިރެސި އެފްއޭއިން ނެރުނު ލިޔުމުގައި ބުނެފައި ވަނީ އިދިކޮޅު ކުޅުންތެރިޔާ ނުވަތަ މެޗް އޮފިޝަލެއްގެ ގަޔާ ކައިރިން ގަސްތުގައި ކެއްސައިފި ނަމަ ފިޔަވަޅު އަޅުމަކީ ރެފްރީން އަމަލު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެގޮތަށް ކެއްސާލުން ހިމެނެނީ އިދިކޮޅު ކުޅުންތެރިޔާއަށް ހުތުރުވާ ގޮތަށް އެއްޗިހި ބުނުމާއި ބޭއަދަބީ ބަހުން ނުވަތަ އިޝާރާތުން މުއާމަލާތް ކުރުމުގެ ކެޓަގަރީގައި ކަމަށް ވެސް އިނގިރޭސި އެފްއޭގެ ލިޔުމުގައި ބުނެފައި ވެއެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ ގަސްތުގައި ނޫން ގޮތަކަށް ކެއްސާނަމަ ފިޔަވަޅު އަލާން ނުޖެހޭނެ ކަމަށެވެ. އަދި ދަނޑުމައްޗަށް ކުޅު ނުޖަހަން ކުޅުންތެރިންނަށް، ރެފްރީ ހަނދާން ކޮށްދޭން ޖެހޭނެ ކަމަށް ލިޔުމުގައި ވެއެވެ.