ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބިހާރު: 14 ދުވަސް ތެރޭ 13 ޑޮކްޓަރުން މަރުވެއްޖެ

ކޮވިޑް-19 އަކީ އިންޑިޔާގެ ބިހާރު ސްޓޭޓްގެ ގިނަ އަދަދެއްގެ ބަޔަކަށް ހަމައެކަނި ކުރިމަތިވެފައިވާ ވަބާ އަކަށް ނުވި އެވެ. އެ ސްޓޭޓްގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މެޑިކަލް ސްޓާފުން ޚާއްސަކޮށް ޑޮކްޓަރުންނަށް ބަލި ޖެހި އަދި ގިނަ އަދަދެއްގެ ޑޮކްޓަރުން މަރުވަމުން ދަނީ ހާސްވެ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ.

ފާއިތުވީ 14 ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ބިހާރުގެ އެކި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރަމުން ދިޔަ 13 ޑޮކްޓަރަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހަ ސްޕެޝަލިސްޓުން ހިމެނެ އެވެ. މިހާ ގިނަ ޑޮކްޓަރުން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކުރުމުން ސިއްހީ އެހީތެރިން ވެސް މިހާރު ތިބީ ބިރުން ގޮސް ހަލާކުވާވަރު ވެފަ އެވެ.

ބިހާރުގެ ހެލްތު ޕްރޮފެޝަނަލްސް އަށް ބަލި ޖެހެން ފެށިތާ މާ ގިނަ ދުވަހެއް އަދި ނުވެ އެވެ. އެންމެ ފުރަތަމަ ޑޮކްޓަރަކަށް މި ބަލި ޖެހުނީ ޖުލައި 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހުން ފެށީގެން ބަލިޖެހި މަރުވި ޑޮކްޓަރުންގެ އަދަދު ކުއްލިއަކަށް މާ ގިނަވެގެން ދިއުމުން ހީވެސް ނުކުރާ ވަރުގެ ބޮޑު ބިރުވެރިކަމެއް އެމީހުންގެ މެދުގައި ވެސް ވަނީ އުފެދިފަ އެވެ.

ކޮވިޑް-19 ޖެހިގެން މަރުވި ޑޮކްޓަރުންގެ ތެރޭގައި އީއެންޓީ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އެންކޭ ސިންގް، ރޭޑިއޮލޮޖިސްޓް ޑރ. މިތިލޭޝް ކުމާރު ހިމެނެ އެވެ. މި ދެ ޑޮކްޓަރުންނަކީ ޕަޓްނާ މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލުގައި މަސައްކަތް ކުރި ދެ ޑޮކްޓަރުންނެވެ. މި ދެ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަންތަކަށް ޚާއްސަ ދެ ޑޮކްޓަރުނާއި ފިޒީޝަނެއް އަދި ކަށީގެ ޚާއްސަ ޑޮކްޓަރެއް ވެސް ފާއިތުވީ ދެ ހަފުތާ ތެރޭ ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ. ދެން މަރުވީ އާދައިގެ ބަލިތަކުގެ ޑޮކްޓަރުންނެވެ. މަރުވި ޑޮކްޓަރުންގެ އެވްރެޖް އުމުރަކީ 65 އަހަރެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ގެ ސެކްރެޓަރީ ޑރ. ސުނިލް ކުމާރު ހޮނިހިރު ދުވަހު އިންޑިޔާގެ ނޫހަކަށް ވިދާޅުވި ގޮތުގައި މިހާ ގިނަ އަދަދެއްގެ ޑޮކްޓަރުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަރުވުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އުމުރުން 60 އަހަރުން މަތީގެ ޑޮކްޓަރުން ކޮރޯނާވައިރަހުގެ ހަނގުރާމައިގެ ފްރަންޓްލައިނަށް ނުނެރުމަށާއި 65 އަހަރު ވެފައި ތިބި ޑޮކްޓަރުން ގޭގައި ތިބެގެން ބަލި މީހުންނަށް އިރުޝާދުތައް ދޭ ގޮތަށް ހެދުމަށް އެ އެސޯސިއޭޝަނުން ބިހާރު ސްޓޭޓް ސަރުކާރަށް އިލްތިމާސް ކޮށްފައިވާނެ ކަމަށް ވެސް ޑރ. ސުނިލް ވިދާޅުވި އެވެ.

މިހާ ގިނަ ޑޮކްޓަރުންގެ މަރުވާން މެދުވެރިވީ ކޮލިޓީ ދަށް ޕީޕީއީ ކިޓް އާއި އަންގި ދީފައި ހުރުމުން ކަމަށް އައިއެމްއޭގެ ވައިސް ޕްރެޒިޑެންޓް ޑރ. އަޖޭ ކުމާރު ތުހުމަތު ކުރެ އެވެ. އޭނާ ބުނި ގޮތުގައި މިހާތަނަށް 300 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ހެލްތު ޕްރޮފެޝަނަލްސް އަށް ބަލި ޖެހިފައި ވެއެވެ. އަދި މީގެ ތެރޭގައި ހާލު ބޮޑު މީހުން ތިބުމަކީ ވަރަށް ނާޒުކު ހާލަތަކަށް މިކަން ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.

އެއްހާސް އެނދުގެ ހޮސްޕިޓަލެއްގެ ދެބައިކުޅަ އެއްބައި އެނދު ހެލްތު ޕްރޮފެޝަނަލްސް އަށް ޚާއްސަކޮށްދިނުމަށް އެދި ކޮށްފައިވާ އިލްތިމާސް އަށް ވެސް ސްޓޭޓް ސަރުކާރުން އިޖާބަ ނުދޭކަމަށް މެޑިކަލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ބިހާރުގައި ކޮވިޑް-19ގެ ޝިކާރައަކަށް ވަނީ ހަމައެކަނި ޑޮކްޓަރުންނާއި ނަރުހުންނެއް ނޫނެވެ. ސަރުކާރު ލެބޯޓްރީ ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޓެކްނީޝަނުންނަށް ވެސް ވަނީ ބަލިޖެހިފަ އެވެ. މިހާތަނަށް ތިން ޑިސްޓްރިކްޓެއްގައި ހުރި ތިން ލެބޯޓްރީއެއްގައި މަސައްކަތްކުރި ތިން ޓެކްނީޝަނަކު ވަނީ މަރުވެފަ އެވެ.

ޖުލައި 31، 2020 އާ ހަމަޔަށް ބިހާރުގައި 50،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ސަރުކާރުގެ ރެކޯޑްތަކުން ދައްކަ އެވެ. އަދި މީގެ ތެރެއިން 298 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ގިނަ އަދަދަކަށް ހިމެނިފައިވާ ކަމީ އެންމެންވެސް މިވަގުތު އެންމެ ކަންބޮޑުވެފައިވާ އެއް މައްސަލަ އެވެ.