ފީފާ

ތުހުމަތު ކުރެވުނު އިންފަންޓިނޯ ދިފާއު ކޮށްފި

ސްވިޒަލޭންޑްގެ ޕްރޮސިކިއުޓާ ޖެނަރަލް އާއެކު ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވިފައިވާ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯގެ ދިފާއުގައި ފީފާއިން ބަޔާން ނެރެފި އެވެ.

ސްވިޒަލޭންޑްގެ ޕަބްލިކް ޕްރޮސިކިއުޓަރެއް ކަމަށް ސްޓެފެން ކެލޭ ފެންމަތި ކޮށްފައިވާ މައްސަލައިގައި ވަނީ، އިންފަންޓިނޯގެ ކުރިން އޮތް ފީފާގެ ލީޑާޝިޕްތެރޭގައި ހިނގި ކްރޮޕްޝަނާ ގުޅިގެން، ސްވިޒަލޭންޑް ޕްރޮސިކިއުޓާ ޖެނަރަލް މިޝޭލް ލައުބާ އާއާއެކު ގާނޫނީ އެހެން އޮފިޝަލެއް ކަމަށްވާ، ރިނާލްޑޯ އާނާލްޑް އާ އިންފަންޓިނޯ ބައްދަލު ކުރި ކަމަށެވެ.

އާނާލްޑް އަކީ، އިންފަންޓިނޯގެ ޒަމާންވީ ރައްޓެއްސެކެވެ. ޕްރޮސިކިއުޓާ ޖެނަރަލް އާ ބައްދަލު ކުރުމުގެ ފުރުސަތު އިންފަންޓިނޯ ތަނަވަސް ކުރީ އާނާލްޑް މެދުވެރިވެގެން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ފީފާގެ ރައީސް ކަމަށް ފެބްރުއަރީ 2016 ގައި އިންތިހާބު ވުމަށް ފަހު އިންފަންޓިނޯ ވަނީ ޕޮރޮސިކިއުޓާ ޖެނަރަލް ލައުބާ އާ ބައްދަލު ކޮށްފަ އެވެ. އެ އަހަރު ދެ ފަހަރަށް ލައުބާ އާއި އިންފަންޓިނޯގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ކުރީކޮޅުވެސް ބައްދަލު ކުރި އެވެ.

ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އާ ގުޅުން ހުރި ކޮރަޕްޝަން މައްސަލަތަކެއް ބަލަމުން ދިޔަ ދުވަސް ވަރު ޕްރޮސިކުއުޓާ ޖެނަރަލް އާ ބައްދަލު ކުރުމަކީ އެ މައްސަލައަށް އިންފަންޓިނޯ ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އޭނާ މައްސަލަ ބެލުމަށް ފަށާފައިވާ ޖިނާއީ ތަހްގީގާ ގުޅިގެން ކުރެވޭ ތުހުމަތުތައް އިންފަންޓިނޯވެސް އަދި މިދިޔަ މަހު ފަހުކޮޅު ޕްރޮސިކިއުޓާ ޖެނަރަލް މަގާމުން އިސްތިއުފާ ދެއްވާފައިވާ ލައުބާވެސް ދޮގު ކުރެ އެވެ. އެ ބައްދަލުވުންތަކުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ދެ ބޭފުޅުންވެސް ވަނީ ވިދާޅުވެފަ އެވެ.

ފީފާގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީ އަލަސްޑިއާ ބެލް ވަނީ އޮންލައިން ވިޑިއޯ ޕްރެސް ކޮންފަރެންސްގައި އިންފަންޓިނޯގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ބެލް ވިދާޅުވީ، އެ ބައްދަލުވުންތަކުގައި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ފީފާފެ ރައީސްއަކަށް ނުފެނުނު ކަމަށެވެ. އަދި އިންފަންޓިނޯ، ގޯސް ކޮށް ކުރި އެއްވެސް ކަމެއް އޭނާގެ ވަކީލުންނަށްވެސް ސާފު ނުވާކަމަށް ބެލް ވިދާޅުވި އެވެ.

"މި ތަހްގީގްތައް ބިނާ ކޮށްފައި ވަނީ ހަގީގަތްތަކެއްގެ މައްޗަކަށް ނޫން، މި ތަހްގީގްގައި ސީރިއަސް ކަމެއް ނެތް،" ބެލް ވިދާޅުވި އެވެ. "ޖިނާއީ މައްސަލައެއް މި ތަހްގީގުން ފާހަގައެއް ނުކުރެވޭ، އެފަދަ އެއްވެސް ކަމެއް ފީފާ އާ ހިއްސާކޮށްފައެއްވެސް ނުވޭ، ފީފާގެ އަގުވައްޓާލުމާއި އިންސާފުން ބޭރުވުމުގެ ކަންތަތަކެއް މީކުގައި އެބައުޅޭ، އަހަރެމެން މިތިބީ 100 ޕަސަންޓް އިތުބާރާއެކު ފީފާގެ ރައިސްގެ މައްޗަށް ކޮށްފައިވާ ތުހުމތުތަކަކީ އަސްލެއް ނޫންކަން ޔަގީން."