ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ހުރިހާ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަނީ

ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވާން ފެށުމާއެކު އެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުލު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ހަމަޖައްސައިފި އެވެ. މީގެ ކުރިންވެސް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ފަރުލު ނަމާދަށްފަހު ގުނޫތު ނާޒިލާ ވަނީ ކިޔާފައެވެ. ނަމަވެސް ފަހުން މިސްކިތްތައް ހުޅުވި ފަހުން ގުނޫތު ނާޒިލާ ކިޔުން ވަނީ ހުއްޓާލާފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު މިރޭ ވިދާޅުވީ ރޭ މަގުރިބު ނަމާދުން ފެށިގެން ފަރުލު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ.

"މީގެ ކުރިންވެސް ކިޔަމުން އައި ގޮތަށް ގުނޫތު ނާޒިލާ ކިޔުމަށް އަޅުގަނޑުމެންވާނީ އަންގާފައި. ރޭ މަގުރިބު ނަމާދުން ފެށިގެން މިހާރު ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ކިޔަމުންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ހިމަބިހި ފެތުރެން ފެށިފަހުން ގުނޫތު ނާޒިލާ ކިޔަން ފެށިގޮތަށް އަތޮޅުތަކުގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށްފަހު ގުނޫތު ނާޒިލާ ކިޔަމުންދާ ކަމަށެވެ. ނަމަވެސް މާލެ ސިޓީގައި އަލުން މިސްކިތްތައް ހުޅުވިއިރު ގުނޫތު ކިޔުން ހުއްޓާލި ކަމަށެވެ. އެއީ ފަރުލު ނަމާދުތައް ހަތް މިނެޓަށްވުރެ ކުރުކުރުމަށް އެޅި ފިޔަވަޅެކެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ބޮޑުވެ ހާލަތު ގޯސްވަމުންދާތީ އަލުން ގުނޫތު ނާޒިލާ ކިޔަން ފެށީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.

އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެންވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއް ކުރިމަތިވެދާނެ ކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ކޮންމެ ދުވަހު ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އެކަމާއި ގުޅިގެން މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.