ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި މަރުވާ މީހުންގެ ގަހަނާ ވަގަށް ނަގާ ބައެއް

އިންޑިޔާގެ ކޮއިމްބަތޯރު މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑުން ގަހަނާ ވަގަށް ނަގައިފި އެވެ. ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ. މި މީހާގެ އަތުން ނެގި ގަހަނާގެ ތެރޭގައި 24 ގްރާމްގެ ރަން އުޅަލެއް ހިމެނެ އެވެ.

މިމީހާ ހޮސްޕިޓަލުގެ ވޯޑުގައި އޮތްއިރު އޭނާގެ އަންހެންދަރިފުޅެއް އެމީހާ ކައިރީގައި ހުއްޓެވެ. ފަސްދޮޅަސް އަހަރުގެ މި އަންހެންމީހާގެ ހާލު ހޯމަ ދުވަހު ހަވީރު 3.00 އާ ހަމައަށް ވެސް ރަނގަޅެވެ. އޭގެ ފަހުން ނޭވާ ލާން އުނދަގޫ ވާން ފަށައި ގަޑިއެއްހާއިރު ފަހުން މަރުވީ އެވެ. އަންހެންމީހާ މަރުވުމުން އޭނާގެ ދަރިފުޅު ވޯޑުން ބޭރަށް ނުކުތްތަނާ މީހަކު އައިސް މަރުވެފައިވާ މީހާގެ އަތުގައި އަޅާފައި އޮތް ރަން އުޅާ ވަގަށް ނަގައިގެން ދިޔައީ އެވެ.

ކޮއިމްބަތޯރު ފުލުހުން މިހާރު ވަނީ މިކަން ކުރި ދެ މީހުން ހައްޔަރު ކޮށްފަ އެވެ. އަޝޯކް ޕަޓޭލް އާއި އަމިތު ޝަރުމާ އަކީ މަރުވެފައިވާ މީހުންގެ ހަށީގަނޑުން ގަހަނާ ވަގަށް ނެގުމުގެ ކަންތައް މީގެ ކުރިން ވެސް ކޮށްފައިވާ ބައެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މީހުން ހޮސްޕިޓަލު ތެރެއަށް ވަންނަނީ ޕީޕީއީ ސޫޓްގަ އެވެ. އެހެންވެ މިއީ ވައްކަން ކުރަން ވަދެ އުޅޭ ބައެއްކަން ދެނެގަންނަން އުނދަގޫ ވެއެވެ.
މި މީހުން ވަނީ މޭ މަހު ތެރޭގައި ވެސް ކޮވިޑް-19 ފެސިލިޓީ އަކަށް ގޮސް އެތަނުގައި މަރުވި ދެ ތިން މީހެއްގެ ކަންފަތުލާ އެއްޗިއްސާއި ކަރުގައި އަޅާ ފަށް އަދި އުޅަލާއި މޯބައިލް ފޯނު ފަދަ އެއްޗެތި ވަގަށް ނަގާފަ އެވެ.

އެ ސަރަހައްދުގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ނީރަޖް ބަޑްގުއާ ވިދާޅުވީ ޕަޓޭލް އަކީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ހޮސްޕިޓަލުން ނެރެގެން ގެންދިއުމުގެ ކަންތައްތަކުގައި އުޅޭ މީހެއް ކަމަށެވެ. ދެ ވަނަ މީހާ އަކީ ކުރިން އެތަނުގެ ވަޒީފާގައި އުޅެފައިވާ މީހެކެވެ.

މި މީހުން މަރުވެފައިވާ މީހުންގެ މަސްގަނޑު ކައިރިއަށް ދަނީ ހަށިގަނޑު ސެނިޓައިޒްކުރާ ބަޔަކަށް ހެދިގެންނެވެ.