ލައިފްސްޓައިލް

ކޮވިޑްގައި މައިންބަފައިން މަރުވި ދެބެންނަށް އެހީތެރިކަން

އިންޑިޔާގެ އަންދްރަޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ ދެ އަންހެންކުދިންނަށް އެ ކުދިންގެ މައިންބަފައިން ގެއްލުނީ ފާއިތުވީ ތިން މަސް ތެރޭގަ އެވެ. ކޮވިޑް-19 ޖެހިގެންނެވެ. އުމުރުން 14 އަހަރުގެ ކޮންޗާދާ ސްވާތީ އާއި 12 އަހަރުގެ ކޮއްކޮ ޕައްލަވީގެ މަންމަ މީގެ ތިން މަސް ކުރިން ކޮވިޑް ޖެހިގެން މަރުވެފައި ވަނިކޮށް އެ ކުދިންގެ ބައްޕަ ވެސް ދާދިފަހުން ވަނީ ހަމަ މި ބަލި ޖެހިގެން މަރުވެފަ އެވެ.

މި ކުދިންގެ ދެ ފަރާތުގެ ވެސް މާމަ އާއި ކާފަ ވެސް ދުނިޔެއަކު ނެތެވެ. އެހެންވެ މި ޔަތީމު މިސްކީނު ދެބެންނަށް އަޅާލާނެ މީހަކު ނެތި މުޅިން އެކަނި ވީ އެވެ. މި ދަނޑިވަޅުގައި އެ ކުދިން ދިރިއުޅޭ ހިސާބުގެ ގިނަ ބަޔަކު ވަނީ މި ކުދިންނަށް އެހީތެރިކަމުގެ އަތްތައް ފޯރުކޮށްފަ އެވެ.

މި ދެބެންގެ މައިންބަފައިންނަކީ ސައި ވިއްކާ ސްޓޯލެއް ހިންގި ބައެކެވެ. ކޮވިޑް ބަލީގައި ބޮޑުވަރުވެ ހިތް ހުއްޓިގެން ކުދިންގެ މަންމަ މަރުވުމުން ފިރިހެންމީހާ ވަރަށް ހިތާމަކުރި އެވެ. އަދި އަންހެނުން މަރުވިތާ ތިން މަސް ވެސް ނުވަނީސް ފިރިހެންމީހާ ވެސް މަރުވީ އެވެ.

ގްރޭޑް 9 އާއި 7 ގައި ކިޔަވަމުންދާ މި ދެބެންގެ އަވަށްޓެރިންނާއި އެ ސަރަހައްދުގެ ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން މި ކުދިންނަށް އެހީތެރިވުމުގައި އިސް ނެގި އެވެ. އަދި އެ ކުދިންގެ މުސްތަގްބަލަށްޓަކައި ފައިސާގެ އެހީ ވާން ފެށީ އެވެ. އެގޮތުން އާދިއްތަ ދުވަހާ ހަމައަށް 500 އަށް ވުރެ ގިނަ މީހުން މި ކުދިންނަށް އެކި މިންވަރުގެ ފައިސާގެ އެހީތައް ވެދީފައި ވެއެވެ. މިއީ ކުދިންގެ ކިޔެވުމަށާއި މުސްތަގްބަލް ބިނާ ކުރުމަށް މީހުން ހަދިޔާކުރަމުންދާ ފައިސާ އެވެ.

އެ ކުދިން ދިރިއުޅޭ އަވަށުގެ އިސް މީހާ ބުނީ މިހާރު އެ ކުދިންނަށް ލިބިފައިވާ ފައިސާގެ އެހީގެ އަދަދު ފަސް ލައްކަ ރުޕީސް އަށް އަރާފައިވާ ކަމަށެވެ. މި ކުދިންނަށް އެހީވީ މީހުންގެ ތެރޭގައި ޓީޗަރުންނާއި ކިޔަވާ ކުދިން، ޑްރައިވަރުންނާއި އެހެނިހެން މަސައްކަތްތެރިން އަދި ސަރުކާރު ވަޒީފާތަކުގައި އުޅޭ މީހުން ހިމެނެ އެވެ. މިޒަމާނުގައި އެކަކު އަނެކަކާ އަޅާލުން ކުޑަވެފައިވާއިރު މި ކުދިން ދިރިއުޅޭ އަވަށުގެ މީހުންގެ ފަރާތުން ފެނިފައިވަނީ ނަމޫނާ އެހީތެރިކަމެކެވެ.