ހަބަރު

މަރުވިތާ ތިން ދުވަސް ފަހުން ޔާސިރު ވަޅުލައިފި

ދިވެއްސަކާ އިނދެ ރާއްޖޭގައި ދިރިއުޅުމެއް ފަށައިގެން އުޅެނިކޮށް ޓެރަރިޒަމްގެ ބޮޑެތި ތުހުމަތަކެއް ކޮށް ހައްޔަރު ކޮށްފައި ހުއްޓާ މަރުވި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ވަޅުލައިފި އެވެ. ޔާސިރު ވަޅުލާފައި މިވަނީ މަރުވިތާ ތިން ދުވަސް ފަހުންނެވެ.

ޔާސިރުގެ އާއިލާއިން މިއަދު ބުނީ ޔާސިރުގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު ކަމަށެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާއިލާގެ ފަރާތުންނެވެ.

ޔާސިރު މަރުވީ މި މަހު ދެ ވަނަ ދުވަހު ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުން 45 އަހަރުގެ ޔާސިރުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭގެ ކުރިން އޭނާގެ ހަށިގަނޑު އޮތީ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ.

ޔާސިރުގެ މަރާ ގުޅިގެން ކަރެކްޝަނާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާ މަރުވީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ސްޓްރޯކެއް ޖެހިގެން ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައި ހުރި ޔާސިރު ވަނީ މީގެ ކުރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ވެސް ކޮށްފަ އެވެ.

އޭނާއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓު ހަމަލާތައް ދެމުން އަންނަ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުންދިޔަ މީހެއް ކަމަށްވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އަދި މިޑިއާގައި ވެސް އެވާހަކަ އައިސްފައެއް ނުވެއެވެ.

ތުހުމަތުތަކަށް ޔާސިރުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އާއިލާގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރަށް ސަރުކާރުން ކުރި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް އިރު އެ ތުހުމަތުތަކާ ގުޅިގެން އާއިލާއާ ވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށެވެ.