ދުނިޔެ

އަދަން އެއާޕޯޓަށް ދިން ހަމަލާއަކީ އީރާންގެ ރޭވުމެއް: ބޮޑުވަޒީރު

އަދަން އެއާޕޯޓަށް ހަމަލާ ދިނުމަށް އީރާނުން މަދަދުވެރިވި ކަމަށް ޔަމަންގެ ބޮޑުވަޒީރު، މައީން އަބްދުލްމަލިކް ސައީދު ތުހުމަތު ކުރައްވައިފި އެވެ. ބޮޑުވަޒީރާ ހަވާލާ ދެއްވާ ލޯކަލް މީޑިއާއިން ބުނި ގޮތުގައި އެއާޕޯޓަށް ހަމަލާދީފައި ވަނީ އިރާންގެ ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް ހަނގުރާމަވެރި ހޫތީން ކަމަށެވެ.

"މިހާ ތަަނަށް ފެނިފައި ހުރި ހެކިތަކަށް ބަލާއިރު ހަމަލާ ރާވާފައި ވަނީ އީރާނުން،" ސައީދު ވިދާޅުވި އެވެ. "ތަންފީޒު ކޮށްފައި ވަނީ ހަނގުރާވެރި ހޫތީންނެވެ.

އަދަން އެއާޕޯޓަށް މޯޓަރުބަޑިންނާއި ގޮވާތަކެތިން ދިން ހަމަލާގައި 27 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މިހަ މަލާގައި 100 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބިފައި ވާއިރު ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް 17 މީހުން ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލީދީ ރޮއިޓާސްއިން ވަނީ ބުނެފަ އެވެ.

ޔަމަންގެ އަދަން އެއާޕޯޓަށް މޯޓަރުބަޑިންނާއި ގޮވާތަކެތިން ދިން ހަމަލާ

މި ހަމަލާ ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވައިލުމަށް ޔަމަންގެ ރައީސް، އަބްދު ރައްބު މަންސޫރު ހާދީ ވަނީ އަމުރު ކުރައްވާފަ އެވެ. މިކަމުގައި އިސް ނަންގަވައިގެން އުޅުއްވުމަށް އިންޓީރިއާ މިނިސްޓަރު، އިބްރާހީމް ހައިދާން ވަނީ އިސް ކުރައްވާފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އަރަބި އެހެން ގައުމުތަކުން ބުނާ ގޮތުގައި މިއީ ހޫތީން ނޫން ބަޔަކު ކުރި ކަމަކަސް ނުވާނެ އެވެ. ހޫތީން ބުނަނީ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.