ޔަމަނުގައި ވަރަށް ނުރައްކާތެރި ގޮތަކަށް ހަތިޔާރު ގުދަނެއް ގޮވައި، ފަސްމީހަކު މަރުވެ އިތުރު 30 މީހަކަށް ފަރުވާދޭން ޖެހޭ ވަރަށް އަނިޔާވެއްޖެ ކަމަށް އޭއެފްޕީ ބުނެފި އެވެ.
ހަތިޔާރު ގުދަނަކީ، އޭއެފްޕީއަށް މައުލޫމާތު ލިބިފައި އޮތް ގޮތުން، ދެބުރި އިމާރާތެކެވެ. އެއީ ހަނގުރާމަވެރިން ހަތިޔާރު ގުދަންކޮށް ހަތިޔާރު ވިޔަފާރިކުރާ ސަރަހައްދެއް ކަމަށް ވެސް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.
ގުދަން ގޮވަން މެދުވެރި ސަބަބު އަދި އޮޅުންފިލާ ގޮތެއް ނުވެ އެވެ. އާންމުކޮށް މީހުން ހެލިފެލިވެ އުޅޭ ހިސާބެއްގައި ހަތިޔާރު ގުދަން ގޮވުމުގެ ސަބަބުން ވަށައިގެން ހުރި ބައެއް އިމާރާތްތަކުގައި ރެނދުލައި ބޮލަށް ވެއްޓިދާނެ ކަމަށް ވަނީ ބިރު ހީވެފަ އެވެ.
ޔަމަނަކީ ކަޅުބާޒާރުގައި ހަތިޔާރު ވިޔަފާރި ވަރަށް ފުޅާ ގައުމެކެވެ. އެ ވިޔަފާރީގައި އާންމުކޮށް ހަރަކާތްތެރި ވަނީ އީރާނުން މަދަދުވެރިވާ ހޫތީންނާއި ހިޒްބުﷲ ހަނގުރާމަވެރިންނެވެ.
އީރާނުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ހަތިޔާރު ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިފައި އޮތް ނަމަވެސް އީރާނުން އެކަން ގަބޫލެއް ނުކުރެ އެވެ. ހަނގުރާމަވެރިންގެ އަތުން، އަތުލެވިފައި ހުރި ބައެއް ހަތިޔާރުތައް އީރާނަށް ނިސްބަތްކުރެވޭ ނިޝާންތައް ހުރި ނަމަވެސް އީރާނުން އެކަމާ ދެކޮޅު ހަދަ އެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ އެދުމަކަށް ވެފައި އޮންނަނީ އީރާނަށް ބައިއަޅާ ވަކި ސަރުކާރެއް ޔަމަނުގައި ގާއިމުކުރުމެވެ. އެކަމަށް ޓަކައި ޔަމަނުގެ އަވަށްތައް ހިފައި ސައޫދީއަށް މިސައިލް ފޮނުވުމަކީ ހޫތީން ވަރަށް ގިނައިން ކުރާ ކަމެކެވެ.
މެދުއިރުމަތީގައި ޚާއްސަކޮށް ގަަލްފު ގައުމުތަކުގައި ހޫތިން އެޖެންޑާތައް ހިންގުމަށް ބޭނުންވާ ފައިސާ އެއްކުރަނީ ހަތިޔާރު ވިއްކައިގެންނާއި ޑްރަގު ވިޔަފާރިންނެ. މިއީ ހިޒްބުﷲއާ ވެސް ގުޅުން އޮތް ވިޔަފާރިއެއް ނަމަވެސް އެ ޖަމާއަތުން އެކަމަށް އިންކާރު ކުރެ އެވެ.
އޭފްޕީ ބުނާ ގޮތުން ހަތިޔާރު ގުދަނުގެ ތިރީބުރި ޚާއްސަކޮށްފައި ހުންނަނީ ހުސް ހަތިޔާރަށެވެ. އެއީ ގުދަންކުރުމަށައި އަދި އުޅަނދުތަކަށް ބަރުކުރަން ފަސޭހައަކަކަށް ކަމަށް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.