ހަބަރު

ޔާސިރު ޔަހުޔާގެ ޖަނާޒާ މިއަދު

ދިވެއްސަކާ އިނދެ ރާއްޖޭގައި ދިރިއުޅުމެއް ފަށައިގެން އުޅެނިކޮށް ޓެރަރިޒަމްގެ ބޮޑެތި ތުހުމަތަކެއް ކޮށް ހައްޔަރު ކޮށްފައި ހުއްޓާ މަރުވި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވާނެ އެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދަނިކޮށް ކޯޓް އަމުރެއްގެ ދަށުން ޔާސިރު ހައްޔަރު ކޮށްފައި ވަނީ މާޗް، 2017 ގައެވެ. އޭރު އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލަން ކަމަށް ބުނެ އެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.

ޔާސިރު އްޔަރު ކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރަކާ ދިމާކޮށެވެ. ނަމަވެސް އިންތިޒާމްތައް ހަމަޖެއްސުމަށްފަހު އެ ފަހަރު ރަސްގެފާނު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ޔާސިރު މަރުވީ މި މަހު ދެ ވަނަ ދުވަހު ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ އާއިލާއިން ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. ޔާސިރުގެ ޖަނާޒާ މިއަދު 1:00 ޖަހާއިރު އާސަހަރާގައި އޮންނަ ކަމަށް މަރުވާ މީހުންގެ ވަނަވަރާއި ކަށު ނަމާދު ކުރުން އޮންނަ ވަގުތުގެ މައުލޫމާތު ހިމަނާ ކަށުނަމާދު ޕޭޖުގައި ޝާއިއުކޮށްފައި ވެއެވެ.

ޔާސިރުގެ މަރާ ގުޅިގެން ކަރެކްޝަނާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާ މަރުވީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ސްޓްރޯކެއް ޖެހިގެން ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައި ހުރި ޔާސިރު ވަނީ މީގެ ކުރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ވެސް ކޮށްފަ އެވެ.

އޭނާއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓު ހަމަލާތައް ދެމުން އަންނަ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުންދިޔަ މީހެއް ކަމަށްވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އަދި މިޑިއާގައި ވެސް އެވާހަކަ އައިސްފައެއް ނުވެއެވެ.

ތުހުމަތުތަކަށް ޔާސިރުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އާއިލާގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރަށް ސަރުކާރުން ކުރި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް އިރު އެ ތުހުމަތުތަކާ ގުޅިގެން އާއިލާއާ ވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށެވެ.