ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ބޫޓާނާ ދެކޮޅަށް ގައުމީ ޓީމަށް ކުޅެން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޓީމާ ގުޅިއްޖެ އެވެ.
ސާކު ސަހަރައްދުގެ އެންމެ ބަލި ގައުމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދަގަނޑޭ ޓީމާ މި ގުޅުނީ ވަރުގަދަ ޗައިނާއާއެކު މިދިޔަ މަހު ގައުމީ ޓީމު ކުޅުނު މެޗު އެއްވެސް ސަބަބަކާނުލައި ނުކުޅެ ހުރުމަށްފަހު އެވެ.
ގަތަރުން 15 ލަނޑު ޖެހި ބޫޓާނާ ދެކޮޅަށް ކުޅުމަށްދަހު މި މަހުގެ 12 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ވެސް ރާއްޖެ ކުޅޭނެ އެވެ.
ގައުމީ ޓީމު މިވަގުތު ތިބީ އިންޑިޔާގެ ކަލްކަތާގަ އެވެ. އެއީ ބޫޓާނަކީ އުސްގައުމަކަށްވުމުން މާކުރިން އެ ގައުމަށް ގޮސްގެން ދިމާވެދާނެ ސިއްހީ މައްސަލަތަކުން އަރައިގަތުމަށްޓަކަ އެވެ. ޓީމު ބޫޓާނަށް ދާނީ މިރޭގެ ވަގުތެއްގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މި ދެ މެޗަކީ އާ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ޓީމާ ހަވާލުވުމަށްފަހު ގައުމީ ޓީމު ކުޅޭ ފުރަތަމަ ދެމެޗެވެ. ނަމަވެސް މި ދެ މެޗަށް ޓީމު މި ނުކުންނަނީ ކޯޗާއެކު ދެތިން ޕްރެކްޓިސްކުރުމަށްފަހު އެވެ.
ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއި މާލެގައި ގަތަރު އަތުން 1-0 އިން އަދި ގައުމުން ބޭރުގައި ޗައިނާ އަތުން 3-0 އިން އަދި ހޮންކޮން އަތުން 2-0 އިންނެވެ.