މުޅި ދުނިޔޭގައި ވެސް މައިކްރޯ ޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވަސީޓިގެ ސައިންސްވެރިން ވަނީ ޅ. ނައިފަރު ވަށައިގެން، ތަފާތު 22 ތަނަކުން ވެލި ނަގައިގެން، ޕްލާސްޓިކް ހުރި މިންވަރު ބަލައިފަ އެވެ.
އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓޯބީ ޕަޓީ ބުނެފައި ވަނީ، ނައިފަރުން ނެގި ސާމްޕަލްތަކުގައި މުޅި ދުނިޔެއާ އަޅާބަލާއިރު، މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ވަރަށް ގިނަ ކަމަށެވެ.
"ނައިފަރުގައި މައިކްރޯ ޕްލާސްޓިކް ހުރީ -- ކިލޯއެއްގައި 1127.5-55 މައިކްރޯ ޕްލާސްޓިކް -- ބައިބޯ އިންޑިއާގެ ޓެމިލް ނާޑޫ -- ކިލޯއެއްގައި 611-3 މައިކްރޯ ޕްލާސްޓިކް -- އަށް ވުރެ ވެސް އިތުރަށް. އަދި ރާއްޖޭގެ އެހެން ހިސާބުތަކުން ނެގި ސާމްޕަލްތަކުގައި ހުރި މިންވަރަށް ވުރެ ވެސް ނައިފަރުގައި ގިނަ،" ޓޯބީ ބުނެފައިވެ އެވެ.
މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ސައިންސްވެރިން ބަލަނީ ފަސް މިލިމީޓަރަށް ވުރެ ބޮޑު ނޫން، ޕާލްސްޓިކް ކުނީގެ ގޮތުގައި ކަނޑުތަކަށް ދޫވެފައި ހުންނަ ތަކެއްޗެވެ. އެގޮތުން، ޕްލާސްޓިކް ފުޅިއާއި، ފޮތި ފަދަ ތަކެތި ކަނޑަށް ދޫވުމުގެ ސަބަބުން، ގިނަ އަހަރުތަކަށްފަހު މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ދައުރުވާކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
އަދި އޭގެ ސަބަބުން ހާއްސަކޮށް ފަރުތަކުގެ އިތުރުން، މަސް މަހާ މެއްސަށް އެތަކެތި ކެވިގެން، އޭގެ ނުރައްކާ ފަހުން އިންސާނުންނާ ހަމައަށްވެސް ވާރުތަކުރާކަމަށް ގިނަ ދިރާސާތަކެއްގައި ބުނެފައިވެ އެވެ.
އެގޮތުން، ރާއްޖޭން ފެނުނު މައިކްރޯ ޕްލާސްޓިކުގެ ސައިޒަކީ އެވަރެޖު ގޮތެއްގައި 0.4 މިލިމީޓަރުކަމަށްވާއިރު، މަސްތަކަށް އެތަކެތި ކެވި، ފަރުތަކުގެ ދިރުމަށް ނޭދެވޭ އަސަރު ކުރުމުގެ ކަންބޮޑުވުން ޓޯބީ ވަނީ ފާޅުކޮށްފަ އެވެ.
ދުނިޔޭގެ ނިސްބަތުންވެސް މައިކްރޯ ޕްލާސްޓިކްގެ ނިސްބަތް ރާއްޖޭގެ ކަނޑުތަކުގައި އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވަނީ، ގިނަ ރަށްތަކުގައި ނަރުދަމާ އާއި ކުނި ނައްތާލުމުގެ ދޯހަޅި ނިޒާމެވެ.
މި ދިރާސާއަށްފަހު، އެ ޓީމު ދެން މަސައްކަތް ކުރަނީ ފަރު މަހުގެ ބަނޑުގައި މައިކްރޯ ޕްލާސްޓިކު ހުރި މިންވަރު ދިރާސާކުރަންކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.
ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން ވަނީ މަނާކޮށްފަ އެވެ.