އެޗްޕީއޭގެ އިންސްޕެކްޝަންގައި ބަލައި ފާސްކުރި އިރު ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ އިތުރު 20 ތަނެއް ބަންދު ކޮށްފި އެވެ. އިއްޔެވެސް 20 ތަނެއް ވަނީ ބަންދުކޮށްފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ މިއަދުގެ އިންސްޕެކްޝަންގައި 235 ތަނެއް ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 20 ތަނެއް ބަންދުކޮށްފައިވެއެވެ.
އެއީ ހަ ސެލޫން، 8 ފިހާރަ އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއްގެ އިތުރުން ތިން މާރުކޭޓު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިދިޔަ ހަފުތާގައި ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެ އެވެ. ކޮންމެ ދުވަހަކު ވެސް އިސްޕެކްޓް ކުރުމަށް ފަހު ނޯޓިސް އާއެކު އުސޫލަށް ނުފެތޭ ތަންތަން ބަންދު ކުރަމުން ދާއިރު އުސޫލަށް ފެއްތުމުން އެތަންތާނގެ ހިދުމަތް އަލުން ފެށުމަށް ފުރުސަތު ވެސް ދެ އެވެ. ހުއްދަ ދެނީ އުސޫލު ބަދަލުކޮށް ދެވަނަ އިންސްޕެކްޝަނެއްގައި އެޗްޕީއޭއިން ބަލާފަ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ގެނައި ބަންދަށްފަހު ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަ ދިނީ މިދިއަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށް ފަހު އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެއިން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. ރޭގަނޑު ކާފިއު ހިންގާ އިރު އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ / ރެސްޓޯރަންޓުތައް ވެސް ބަންދު ކުރުމަށް ވިޔަފާރިވެރިންނަށް ވަނީ އަންގާފަ އެވެ.