ވިޔަފާރި

ދިރާގާއި ސްޕާކްހަބް ސްޓާޓް އަޕް ވިޔަފާރިތަކަށް ފުރުސަތެއް

Aug 6, 2020

ދިރާގާއި ސްޕާކްހަބް މޯލްޑިވްސް ގުޅިގެން، ސްޓާޓް އަޕް ވިޔަފާރި ތަކަށް އޮންލައިން ސީޑްސްޓާސް ވޯލްޑް (އެސްއެސްޑަބްލިޔު) ކޮމްޕެޓިޝަންގައި ބައިވެރިވެ ކުރިއަށް ދިއުމުގެ މަގެއް ހުޅުވާލައިފި އެވެ.

ސީޑްސްޓާސް ވޯލްޑް އަކީ ސްވިޒަލޭންޑް އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޑްސްޓާސް އިން ޓެކް ބޭސްޑް އެންމެ ކުދި ވިޔަފާރި ތަކަށް އިންތިޒާމު ކުރާ ހަރަކާތެކެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން ޓެކް ބޭސްޑް ސްޓާޓް އަޕް ވިޔަފާރިތައް ބައިވެރިވެ އެވެ. މި މުބާރާތުގައި ރާއްޖެ އިން ވާދަކޮށް ހޮވިގެން ދުނިޔޭގެ ފެންވަރުގައި ވާދަ ކޮށްލުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ. މި ފުރުސަތު ދީފައިވަނީ ދިރާގުން އިސްވެ އޮވެ، ސްޕާކްހަބް މޯލްޑިވްސް ގުޅިގެންނެވެ.


މި މުބާރާތުގައި ބައިވެރިވެވޭނީ މިނިމަމް ވަޔަބްލް ޕްރޮޑަކްޓެއް (އެމްވީޕީ) އެއް ބޭނުން ކުރާ ޓެކް ބޭސްޓް ވިޔަފާރި ތަކަށެވެ. މިސާލަކަށް ވިޔަފާރީ އަކުން ފުޑް އޯޑަރު ކުރާ ވެބްސައިޓެއް ބޭނުންކުރާނަމަ އެ ވެބްސައިޓް އިތުރަށް ފުރިހަމަ ނުކޮށް ހުރެދާނެ އެވެ. އޭގައި އޮންލައިންކޮށް ޕޭ ނުކުރެވޭ ގޮތަށް ހުރެދާނެ އެވެ. އެފަދަ ޕްރޮޑަކްޓެއް ބޭނުންކުރާ ކުންފުނިތަކަށް ބައިވެރިވެވޭނެ އެވެ.

އެ ވިޔަފާރިއެއްގެ ކަސްޓަމަރުން މިހާރު ވެސް އެ ޕްރޮޑަކްޓެއް ބޭނުން ކުރަން ޖެހެ އެވެ. މީގެ އިތުރުން ވޭތުވެދިޔަ ތަނުގައި އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އެ ވިޔަފާރިން ކޮށްފައިވާނަމަ ބައިވެރިވުމުގެ ފުރުސަތެއް ގެއްލޭނެ އެވެ. އެ އަދަދުގެ އިންވެސްޓްކޮށްފައިވާނަމަ އެ ވިޔަފާރިއެއް ސްޓާޓް އަޕް ވިޔަފާރީގެ ގިންތިން މައްޗަށް ދާނެ އެވެ.

ދިރާގުގެ ޑިރެކްޓާ ކޯޕަރޭޓް އެފެއާޒް އާތިފާ އަލީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ޓެކް ސްޓާޓް އަޕް ކުންފުނި ތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ދުނިޔޭގެ ފަންތީގައި ވާދަކޮށްލުމުގެ ފުރުސަތު ގެއްލުވާ ނުލައި ބައިވެރިވާނެ ކަމަށް،" އާތިފާ ވިދާޅުވި އެވެ.

ސީޑްސްޓާސް ވޯލްޑުގައި ބައިވެރި ވެގެން އެއްވަނަ އަށް ދާ ދިވެހި ކުންފުންޏަކަށް ދުނިޔޭގައި ބާއްވާ "ގްލޯބަލް މެންޓަރިން" ގައި ބައިވެރި ވާން ފުރުސަތު ލިބޭނެ އެވެ. އެ ކުންފުންޏަކަށް ސީޑްސްޓާސްގެ އިންވެސްޓްމަންޓް ޕްރޮގްރާމް ގްރޯތް ޕްރޮގްރާމުން 50،000 ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު ލިބޭ 10 ސްޓާޓްއަޕް ވިޔަފާރީގެ ތެރޭގައި ހިމެނޭނެ އެވެ. އަދި އެ ވިޔަފާރި އަކަށް ދުނިޔޭގެ އެކި ގައުމުތަކުގެ ކުންފުނިތަކާ ވާދަކޮށް "ގްލޯބަލް ވިނާ އިންވެސްޓްމަންޓް ޕްރައިޒް" ހޯދުމުގެ ފުރުސަތު ފަހި ވާނެ އެވެ. މި އިނާމުގެ ގޮތުގައި 500،000 ޑޮލަރު ލިބޭނެ އެވެ.

ސީޑްސްޓާސްގެ ކޯ ފައުންޑާ ޕިޔާ އަަލަން މޭސަން ވިދާޅުވެފައިވާ ގޮތުގައި މިހާރުވެސް ދުނިޔޭގެ 94 ސިޓީއެއްގައި މި ޕްރޮގްރާމު ކުރިއަށްގެންދާއިރު، 15 އޯގަސްޓްއާ ހަމައަށް ބައިވެރިވާން ފުރުސަތު ލިބޭނެ ކަމަށެވެ.

ދިރާގާއި ސްޕާކްހަބް މޯލްޑިވްސް އިން މީގެ ކުރިންވެސް މިފަދަ ރަނުގެ ފުރުސަތުތައް ދިވެހިނަށް ދީފައިވެ އެވެ. އެ ކުންފުނިން ބާއްވާ ޓެކް ސްޓާސް ޕްރޮގްރާމުން އުފެއްދުންތެރި އެތައް ޒުވާނުންވެސް ވަނީ ފެނިގެން ގޮސްފަ އެވެ.