ވިޔަފާރި

އެމްޓީސީސީއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުގެ އަގު ވަޒަން ކޮށްފި

އެމްޓީސީސީއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުގެ އަގު ވަޒަން ކުރުމަށް ހާއްސަ އެވޯޑެއް ދީފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެމްޓީސީސީއަށް މިހާރު ހިދުމަތް ކުރަމުން ގެންދާ 26 މުވައްޒަފަކާއި ވަޒީފާއިން ރިޓަޔާ ކޮށްފައިވާ 23 މުވައްޒަފަކަށް ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދީފައިވެ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެމްޓީސީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް 34 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި މި ހަފުލާގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހަތަރު ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ވެސް ދީފައިވާ ކަމަށެވެ.

"ފާތުވެދިޔަ އަހަރުގެ ކާމިޔާބީ ފާހަގަކޮށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީލް މުވައްޒަފުންނަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ އެއްވަނަ ކުންފުންޏަކަށް އެމްޓީސީސީ ހެދުމަށް ހުރިހާ މުވައްޒަފުން އަޒުމު ކަނޑައެޅުމަށް ސީއީއޯ އިލްތިމާސް ކުރެއްވި އެވެ،" އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ރަސްމިއްޔާތުގައި އެ ކުންފުންޏަށް 35 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި ކޮންސްޓްރްކްޝަން މަސައްކަތް ކުރަމުން ގެންދާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި ކުންފުނިން ބިން ހިއްކުމާއި ފަޅު ފުންކުރުން އަދި ދަތުރުފަތުރުގެ ހިދުމަތްވެސް ފުޅާ ދާއިރާއެއްގައި ދެމުން ގެންދެ އެވެ. އަދި އެމްޓީސީސީއަކީ ރާއްޖޭގައި ޔަމަހާ އިންޖީނު ވިއްކަމުން ގެންދާ ކުންފުންޏެވެ.