ލައިފްސްޓައިލް

ކައިވެނި ޕްރޮޕޯޒަލްއެއް ގޯހުން ގޯހަށް ގޮސް ގެއެއް އަނދައިފި

ބައެއް ފަހަރަށް ލޯބިވެރިޔާ އަށް ތިއްތި ދެއްކެން ބައެއް މީހުން އާދަޔާޚިލާފު ކަންތައްތައް ކުރެ އެވެ. ޚާއްސަކޮށް ކައިވެންޏަށް އަހާ ވަގުތަކީ ވަރަށް ޚާއްސަ އަދި ތަފާތު ގޮތަކަށް ކުރާ ކަމަކަށް ހެދުމަށް ބައެއް މީހުން ވަރަށް މަސައްކަތް ކުރެ އެވެ. މިއީ ދެ ލޯބިވެރިޔެއްގެ ހަޔާތުގައި އަންނަ އެންމެ މުހިއްމު ވަގުތަށް ވާތީ މި ވަގުތުކޮޅުގެ ހަނދާން މުޅި އުމުރަށް ހުންނަ ވަރު ކުރަން ބައެއް މީހުން ބޭނުންވަނީ އެވެ.
މިގޮތުން ކައިވެނީގެ ޕްރޮޕޯޒަލް ޚާއްސަ ގޮތެއްގައި ފާހަގަ ކުރަން މަސައްކަތްކުރި މީހެއް ކުރި މަސައްކަތް ގޯހުން ގޯހަށް ގޮސް އެމީހާގެ މުޅި ގެ ވަނީ އަނދާ އަޅިޔަށް ވެފަ އެވެ.

އިނގިރޭސި ވިލާތުގެ ސައުތު ޔޯކްޝަޔާގެ ފަޔާ ޑިޕާޓްމަންޓުން ކޮށްފައިވާ ޓުވީޓެއްގައި މި ހާދިސާގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.
މި ޓުވީޓުގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ މި މީހާ އޭނާގެ ލޯބިވެރިޔާއަށް ޕްރޮޕޯސްކުރަން ވެގެން މުޅި އެޕާޓްމަންޓުގެ ހުރިހާ ތަނެއްގައި ވަރަށް ބައިވަރު އުއްބައްތި ދިއްލައިގެން އުޅެނިކޮށް ގޭގައި އަލިފާން ރޯވީ އެވެ. ފަޔާ ޑިޕާޓްމަންޓުގެ މީހުންނަށް މީހަކު ގުޅާފައި މި ޚަބަރު ދިނުމުން އެ މީހުން އެތަނަށް ދިޔައިރުވެސް މުޅި ގޭގައި އަލިފާން ރޯވެފައި ހުރި ކަމަށް މި ޓުވީޓްގައި ބުނެފައި ވެއެވެ.

"ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތްވި،" ޓުވީޓްގައި ވެއެވެ.

ފިރިހެންމީހާ ކިޔައިދީފައިވާ ގޮތުގައި އޭނާ ލޯބިވެރިޔާއަށް ޕްރޮޕޯޒް ކުރާއިރު ވަރަށް ރޮމެންޓިކްކޮށް އެކަން ކުރުމަށް ވަރަށް ބައިވަރު އުއްބައްތި ރޯކޮށްފައި ގޭގެ އެތަން މިތާނގައި ބެހެއްޓި އެވެ. އަދި ޕްރޮޕޯޒްކުރަން ހަމަޖެހިފައިވާ ކޮޓަރި ފުރާ ފުއްޕާހަން ވެސް ބެހެއްޓި އެވެ. ހުރިހާ ކަމެއް ފުރިހަމަކޮށް މުޅި ގެ ވެސް ވަރަށް ރޮމެންޓިކްކޮށް ފެންނަ ގޮތަށް ތައްޔާރު ކޮށްފައި މި މީހާ އޭނާގެ ލޯބިވެރިޔާ ބަލާ ދިޔަ ވަގުތު ގޭގައި އަލިފާން ރޯވީ އެވެ.

އޭނާ އައިއިރު މުޅި ގޭގައި ހުރީ ވަރަށް ގަދަޔަށް ރޯވެފަ އެވެ. ނަސީބަކުން އެ މީހާ ޕްރޮޕޯޒްކުރި ލޯބިވެރިޔާ ވަގުތުން ކައިވެންޏަށް އާނއެކޭ ބުންޏެވެ. ވީމާ މި މީހުންގެ މާމަ ކަފާ ދަރިންނަށް ކިޔައިދޭން ވަރަށް ރަނގަޅު ވާހަކައަކަށް މި ވާހަކަ ވެގެން ދާނެ ކަމަށް ވެސް ފަޔާ ޑިޕާޓްމަންޓުގެ ޓުވީޓްގައި ބުނެފައި ވެއެވެ.

އުއްބައްތި އާއްމުކޮށް ގޭގޭގައި ބޭނުން ނުކުރުމަށާއި އެއީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ވަރަށް ފަސޭހައިން ހިނގަން މެދުވެރިވެދާނެ އެއްޗެއް ކަމަށް ސައުތު ޔޯކްޝަޔާ ފަޔާ ޑިޕާޓްމަންޓުން ވަނީ މި ހާދިސާގެ ވާހަކަ ހިއްސާކޮށް، އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ.

"ކިތަންމެ ރޮމެންޓިކް ވިޔަސް އަދި ކިތަންމެ ލޯބި އެއްޗެއްކަމަށް ހީވިޔަސް އުއްބައްތި އަކީ ހަގީގަތުގައި ވަރަށް ނުރައްކާތެރި އެއްޗެއް. އެއްގޮތަކަށް ވެސް އުއްބައްތިއެއް ރޯކޮށްފައި އެއަށް ވާނުވާ ނޭނގޭ ގޮތަކަށް ނުބަހައްޓާތި،" ފަޔަ ޑިޕާޓްމަންޓްގެ ޓުވީޓެއްގައި އިރުޝާދު ދީފައި ވެއެވެ.