އެޗްޕީއޭގެ އިންސްޕެކްޝަންގައި ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ މިއަދު ވެސް 15 ތަނެއް ބަންދު ކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ އިންސްޕެކްޝަންގައި މިއަދު 240 ތަނެެއް ބެލި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯތަކެތީގެ ހިދުމަތްދޭ 84 ތަނަކާއި 127 ފިހާރައެއްގެ އިތުރުން 20 ސެލޫނަކާއި ފަސް މާރުކޭޓް އަދި ހަތަރު ޖިމެކެވެ.
މިއަދުގެ އިންސްޕެކްޝަންގައި 15 ތަނެއް ބަންދު ކުރި އެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނަކާއި ހަތް ފިހާރައެއްގެ އިތުރުން ހަތް ސެލޫނެވެ.
އެޗްޕީއޭގެ އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ދަނީ ބަންދު ކުރަމުންނެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ ދުވަސްތަކުގައި ބަންދުކުރި ތަންތަނުގެ ތެރެއިން 21 ތަނެއް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ ފަސް ތަނަކާއި ހަ ސެލޫންއަކާއި ހަތް ފިހާރައިގެ އިތުރުން ތިން މާރުކޭޓެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެއެވެ.