އާސަންދަ

އިތުރު 50 ދިވެހިން އިންޑިއާއަށް

ރާއްޖެއިން ސިއްހީ އަވަސް ފަރުވާ ބޭނުންވާ އިތުރު 50 މީހަކު އިންޑިއާއަށް ފުރައިފި އެވެ.

އާސަންދަ ކުންފުނިން މިރޭ ބުނީ ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ހިމެނޭހެން 50 ދިވެއްސަކު މިރޭ އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. މިއީ މި ހާލަތުގައި އިންޑިއާއަށް ފުރުވާލި ހަތަރުވަނަ ބެޗެވެ.

މި ފަހަރުދިޔަ ދިވެހިންވެސް ފުރުވާލީ ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވުމުންނެވެ. ނަމަވެސް އެމީހުން އިންޑިއާއަށް އެތެރެވުމުގެ ކުރިން އިތުރު ޓެސްޓެއް ހަދާ ބަލި ނެތްކަން ޔަގީން ކުރާނެއެވެ. އަދި 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެއިރު އޭގެ ފަހުންވެސް އިތުުރު ޓެސްޓެއް ހަދާނެއެވެ.

އާސަންދައިން ބުނީ މިއަދު ފުރި 50 މީހުންގެ ތެރޭގައި އެކި ބަލިތަކަށް ފަރުވާކުރާ 21 މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދޭނީ އެއިމްސް ހޮސްޕިޓަލުންނެވެ. ބާކީ ތިބި 12 މީހުންނަށް ފަރުވާ ދޭނީ ކިމްސް ހޮސްޕިޓަލްގައެވެ.

މި ހުރިހާ މީހުންވެސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާނީ އެ ހޮސްޕިޓަލްތަކުގައެވެ. އަދި ވަގުތުން ފަރުވާ ކުރަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.