ތުއްތު ކުއްޖެއްގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދެވޭނެ ދުވަހެއް ނޭނގޭތީ އާއިލާއިން ކަންބޮޑުވެއްޖެ އެވެ.
އާއިލާގެ ފަރާތުން ކުއްޖާގެ މަންމަ މިއަދު ބުނީ ދަރިފުޅު ވަރަށް ބޮޑަށް ރޯގާ ޖެހި ނޭވާލާން އުދަނގޫ ވެގެން އައިޖީއެމްއެޗްގައި ހެދި ޓެސްޓް ތަކުންނާއި ސްކޭންތަކުން އެ ކުއްޖާގެ ފުއްޕާމޭގައި ކާއެތި ކޮޅެއް ތާށިވެފައިވާކަން އެނގުނު ކަމަށެވެ. އަދި އައިޖީއެމްއެޗުން އެ އެތިކޮޅު ނަގަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ގިނަ ދުވަސްވެ މަސް އަރާފައިވުމުން ނެގޭ ގޮތް ނުވެ ކުއްޖާގެ ހާލު ސީރިއަސް ވެފައިވާ ކަމަށެވެ.
އޭނާ ބުނީ އެ އެތިކޮޅު ނަގަން އައިޖީއެމްއެޗުން މަސައްކަތް ކުރުމުގެ ތެރޭގައި ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ތިން ދުވަސް ވަންދެން އޮންނަން ޖެހުނު ކަމަށާއި އެ ނަގަން އައިޖީއެމްއެޗުގައި އިތުރަށް މަސައްކަތް ނުކޮށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދާން ލަފާ ދީފައިވާ ކަމަށެވެ.
އަދި އެތައް ދުވަހަކަށް ފަހު ކުއްޖާ ގޮވައިގެން އިންޑިއާއަށް ދިޔުމަށް އިއްޔެ ހެނދުނު އޮތް ފްލައިޓަކުން ޖާގަ ލިބުނު ކަމަށާއި ނަމަވެސް ފްލައިޓަށް އަރާ ތިއްބާ ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެއާޕޯޓުގެ މުވައްޒަފަކު އެންގި ކަމަށެވެ. އަދި ފްލައިޓު ހުއްޓުވާ ފްލައިޓުން އެމީހުން ބާލުވައި ޑިސްއިންފެކްޓް ކުރުމަށް ފަހު އަލުން ފުރުވާލާފައިވާ ކަމަށެވެ.
އިންޑިއާއަށް ބޭސް ފަރުވާ އަށް ދިޔަ މީހުން ގޮވައިގެން އިއްޔެ ހެނދުނު ފުރަން އޮތް ފްލައިޓަކުން ފަސް މީހަކު ޕޮޒިޓުވް ވުމުގެ ސަބަބުން ފްލައިޓުން ބޭލި އެވެ. އަދި ޑިސްއިންފެކްޓު ކުރުމަށް ފަހު ބޯޓު ފުރުވާލީ އިއްޔެ މެންދުުރު ފަހު އެވެ.
"ފްލައިޓުން ބާލައިގެން ގެންދިޔައީ އެއާޕޯޓުގެ ވަކިން ހުރި ތަނަކަށް. އެތާނގައި އަޅުގަނޑުމެން ބުނިން މި އޮތީއޭ އެޗްޕީއޭއިން މެސެޖް ކޮށްފައި. ކުއްޖާ އާއި ކުއްޖާގެ ބައްޕަ ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަން... އޭރު އަދި މަންމަގެ ނަތީޖާ ނުލިބޭ. ދެން އިރުކޮޅަކުން އައިސް ބުނީ މަންމައޭ ޕޮޒިޓިވް ވީ! ދެން ބުނީ ގެސްޓްހައުސް އަކަށް ގެންދަން އެޗްޕީއޭއިން ބުނި ވާހަކަ. އެހެން ކިޔާފަ މި ގެންދިޔައީ ހުޅުމާލޭގަ ހުންނަ ކޮވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭ ތަނަށް، އެތާނގައި އެޑްމިޓްވާން ބުނީ... ދެން ނަރުހުންނަށް ދެއްކީ މެސެޖް. ދެއްކީމާ އެމީހުން ބުނީ ތިމަންނަ މެންނަށް އެންގީ ޕޮޒިޓިވް ކަމަށޭ. ދެން ފަހުން ގެސްޓު ހައުސް އަކަށް ބަދަލުކުރީ،" އޭނާ ކިޔައި ދިނެވެ.
ކުއްޖާގެ މަންމަގެ ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ ނަތީޖާވެސް ނެގެޓިވް ކަމަށް ބުންޏެވެ. އެހެން ނަމަވެސް އަދިވެސް ބައިތިއްބާފައިތިބީ ބަލި މީހުންތަކެއްގެ ތެރޭގައި ކަމަށާއި އަލުން ސާމްޕަލް ނަގާ ޓެސްޓު ކުރަން ތަކުރާރުކޮށް އެޗްޕީއޭގައި އެދުނު ކަމަށެވެ. ނަމަވެސް 14 ދުވަސް ކަރަންޓީނުގައި ތިބެފައި ނޫނީ ދެވަނަ ސާމްޕަލް އެއް ނުނެގޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ދެން ރާއްޖެއިން ބެރަށް ދެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި ދަރިފުޅުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެ ދުވަހެއް ކަމަށާއި ނެގެޓިވް ތިބި ބަޔަކު އިތުރަށް ކަރަންޓީނުގައި ބައިތައްބާ ބޭނުމެއް ނޭނގޭ ކަމަށެެވެ.