ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާސަންދަ

އާސަންދައިގެ ދަށުން އިންޑިއާގައި ތިބި ދިވެހިންގެ ހަރަދު ބަލަހައްޓަނީ

އާސަންދައިގެ ހަރަދުގައި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ހަރަދުތައް ބަލަހައްޓާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދައިން މި ނިންމުން ނިންމާފައިވަނީ އިންޑިއާއިން ބައިނަލްއަގްވާމީ ދަތުރުތައް ހަފްތާއެއްގެ މުއްދަތަށް މެދުކަނޑާލުމާއި ގުޅިގެންނެވެ. އަދި މޯލްޑިވިއަން އިން އިންޑިއާ އަށް ކުރާ ދަތުރުތައްވެސް ހުއްޓާލުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ރާއްޖެ ނާދެވި އިންޑިއާގައި ބައެއް ދިވެހިން ތާށިވެފައިވާތީ އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކުންފުނިން މިރޭ ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ހަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާގައި ތިބި ބައެއް ދިވެހިން ބުނީ މިއަދު އެއާޕޯޓަށް ފުރަން ދިޔައީ މޯލްޑިވިއަންއިން ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް ފްލައިޓް ކެންސަލް ކުރުމުން އެއާޕޯޓްގައި ތާށިވެފައި ތިބެން ޖެހުނު ކަމަށެވެ.

މީގެ އިތުރުން ހިފާފައިވާ ކޮޓަރިތައް ދޫކޮށްލުމުން ގޮތެއްނެތި އެއާޕޯޓްގައި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުނު ކަމަށްވެސް ވަނީ ބުނެފައެވެ.

އެއާޕޯޓްގައި ތިބި ދިވެހިންގެ ކަންކަން އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.