އިންޑިއާ

ބަލި 18 މީހަކު ބޭހަށް ފޮނުވައިފި

Aug 20, 2020

ރާއްޖެއިން ސިއްހީ އަވަސް ފަރުވާ ބޭނުންވާ އިތުރު 18 މީހަކު އިންޑިއާއަށް ފުރައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ހިމެނޭ ގޮތުން 40 ދިވެއްސަކު މިއަދު އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. މިއީ ކޮވިޑް އައި ފަހުން އެ ހާލަތުގައި އިންޑިއާއަށް ފުރުވާލި ފަސްވަނަ ބެޗެވެ.

މިފަހަރު އިންޑިއާއަށް ދިޔައީ 18 ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ދިޔަ މީހުންގެ އިތުރުން ހަތަރު މެޑިކަލް އެސްކޯޓެކެވެ. ބަލި މީހުންގެ ފަރުވާ ހަމަޖައްސާފައި ވަނީ އަމްރިތާ ހޮސްޕިޓަލުންނެވެ.

މި ފަހަރު ދިޔަ ދިވެހިން ވެސް ފުރުވާލީ ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވުމުންނެވެ. ނަމަވެސް އެމީހުން އިންޑިއާއަށް އެތެރެވުމުގެ ކުރިން އިތުރު ޓެސްޓެއްކޮށް ބަލި ނެތްކަން ޔަގީން ކުރާނެ އެވެ. އަދި 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެއިރު އޭގެ ފަހުން ވެސް އިތުުރު ޓެސްޓެއް ހަދާނެ އެވެ.

އެ ހުރިހާ މީހުން ވެސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާނީ އަމްރިތާ ހޮސްޕިޓަލުގަ އެވެ. އަދި ވަގުތުން ފަރުވާ ކުރަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.