ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ 5.9 ޕަސެންޓް ދަށަށް

Aug 8, 2020

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ، ޖީޑީޕީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.9 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ނޭޝަނަލް ބިއޮރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ތިން މަސް (ޖެނުއަރީ އިން މާޗް) މަހުގެ ނިޔަލަށް އާއްމުކުރި ކުއާޓަރީ ނޭޝަނަލް އެކައުންޓްސް ދައްކާ ގޮތުގައި ރާއްޖޭގެ ޖީޑީޕީ ވަނީ ފުރަތަމަ ތިން މަހު 5.9 ޕަސެންޓް ވަނީ ދަށްވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީވަނީ 3.2 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. މި އަހަރު ޖީޑީޕީގެ މާކެޓް ޕްރައިސް 19,778 މިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރު މި އަދަދު ވަނީ 18,602 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

އެމްބީއެސް އިން ބުނި ގޮތުގައި މި މުއްދަތުގައި ޖީޑީޕީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް އާއި ކޮންޓްރަކްޝަން އަދި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ހީނަރު ވެގެން ދިއުމެވެ. ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސެކްޓާ 2.7 ޕަސެންޓް ވަނީ ދަށް ވެފައިވެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ 1.4 ޕަސެންޓް ދަށްވެ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ވަނީ ވެސް 1.0 ޕަސެންޓަށް ދަށްވެފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަ އަށް ވެސް ރާއްޖޭގެ އިގްތިސޯދުގެ މައި ހިއްސާ ކުރާ ސިނާއަތަކީ ޓޫރިޒަމް އެވެ. ޓޫރިޒަމް ސީދާއަކީ 26.5 ޕަސެންޓެވެ. އަދި ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަން ސިނާއަތުގެ ހިއްސާއަކީ 13.4 ޕަސެންޓެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ހިއްސާއަކީ 8.7 ޕަސެންޓެވެ. އަދި ރިއަލް އެސްޓޭޓު ވިޔަފާރީގެ ހިއްސާއަކީ 6.6 ޕަސެންޓެވެ. އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހިއްސާއަކީ 6.4 ޕަސެންޓެވެ. ކޮންސްޓްރަކްޝަންގެ ހިއްސާ 4.9 ޕަސެންޓުގައި ހުރިއިރު، ފައިނޭންސް ދާއިރާގެ ހިއްސާއަކީ 4.3 ޕަސެންޓެވެ. މީގެ އިތުރުން މަސްވެރިކަމުގެ ހިއްސާއަކީ 3.8 ޕަސެންޓެވެ.

އެމްބީއެސް އިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އާއި ކޮންސްޓްރަކްޝަން ސިނާއަތު ވަނީ ބޮޑުތަން އިތުރުވެފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ ދަށްވީއިރު، މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.5 ޕަސެންޓަށް މަތިވާނެ ކަމަށް ސަރުކާރުން ކުރިން ލަފާ ކުރި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިން އެރުން މައިނަސް 11 ޕަސެންޓް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޑީޕީއަށް މައިގަނޑު ހިއްސާއެއްވާ ޓޫރިޒަމް ސިނާއަތު ދަށްވެފައިވުމެވެ.