ލައިފްސްޓައިލް

ސިނގިރޭޓު ދޫކޮށް އެ ފައިސާއިން ގެއެއް އަޅައިފި

ސިނގިރޭޓު ބުއިމަކީ ހަށީގަނޑަށް އިންތިހާއަށް ގެއްލުން ލިބޭ ކަމެއް ކަން އެންމެން ވެސް ދަނެ އެވެ. ނަމަވެސް މި އާދަ ހިފިއްޖެނަމަ މިކަމުން ސަލާމަތް ވުމަކީ ވެސް ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް އަޒުމު ވަރުގަދަ، ހިތްވަރުގަދަ ބައެއް މީހުން ސިނގިރޭޓް ބުއިން ހުއްޓާލަން ނިންމައި އެގޮތުގައި ދެމި ހުރެ އެވެ. ކެރެލާގެ މި ފިރިހެންމީހާ އަކީ އެފަދަ އަޒުމު ވަރުގަދަ މީހުންގެ ތެރެއިން މީހެކެވެ.

ނިއުސް 18 ގައިވާ މި ޚަބަރުގައިވާ ގޮތުން ވެނުގޯޕާލް ނާޔަރް ނަމަކަށް ކިޔާ މި މީހާ ސިނގިރޭޓް ބުއިން ހުއްޓާލިތާ މިހާރު އަށެއްކަ އަހަރު ވެއްޖެ އެވެ. ކުރިން ސިނގިރޭޓް ގަންނަން ޚަރަދުކުރި ފައިސާ ފާއިތުވީ އަށް އަހަރު ތެރޭ ވެނުގޯޕާލް ވަނީ ރައްކާ ކޮށްފަ އެވެ. މި ފައިސާއަށް މުޅިން އާ ގެއެއް ބިނާ ކުރުމަކީ ވެނުގޯޕާލްގެ މިހާރުގެ އުންމީދެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ މި މީހާ ސިނގިރޭޓް ބުއިން ހުއްޓާލާފައި ފައިސާ އެއް ކުރަން ފެށި ފަހުން މިހާތަނަށް ފަސް ލައްކަ ރުޕީސް އަށް ވުރެ ގިނަ ފައިސާ އެއްކުރެވިއްޖެ އެވެ. އަދިވެސް އިތުރަށް ފައިސާ އެއްކުރަން އޭނާ ވަނީ ގަސްތުކޮށްފަ އެވެ. އަންހެނުންނާއި ދެ ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ބިނާ ކޮށްދިނުމަށެވެ.

ވެނުގޯޕާލް ބުނި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ އޭނާއަށް ހިފުނީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އޭރު ސިނގިރޭޓް ގަންނަން ފައިސާ ނުލިބޭތީ ބޮއި އުޅެނީ އަގުހެޔޮ ބިޑި އެވެ. ބިޑިއަކަށް ފަހު ބިޑިއަށް އޭނާ ރޯކުރާ ކަމަށާއި ދުވާލަކު ބޮވޭ އަދަދު ނުވެސް އެނގޭ ކަމަށް ވެނުގޯޕާލް ބުންޏެވެ.

ސިނގިރޭޓް ބޯން ފެށީ އޭގެ ފަހުންނެވެ. އޭނާ ސިނގިރޭޓް ބުއިން ހުއްޓާލިއިރު ސިނގިރޭޓް ފޮއްޓެއް ކެރެލާއިން ގަންނަން ލިބެނީ 50 ރުޕީސް އަށެވެ. އޭނާ ބުނި ގޮތުގައި އޭރު އޭނާ ދުވާލަކު ދޮޅު ފޮށި ނުވަތަ ދެ ފޮށި ސިނގިޜޭޓް އާއްމުކޮށް ބޮއެވެ.

އުމުރުން 60 ވަރަށް އަހަރު ވީއިރު ވެނުގޯޕާލްގެ ސިއްހަތަށް މީގެ ނޭދެވޭ އަސަރުތައް ކުރަން ފެށި އެވެ. އަދި މޭގައި ވަރަށް ގަދަޔަށް ރިއްސައި އެ ރިހުން ނުގޮސް ހުންނަން ފެށި އެވެ. ސިނގިރޭޓް ބުއިން ހުއްޓާލަން ނިންމީ މޭގައި ރިއްސާތީކަމަށް އޭނާ ބުންޏެވެ.

ސިނގިރޭޓް ބުއިން ހުއްޓާލި ދުވަހުން ފެށިގެން އޭނާ ސިނގިރޭޓަށް ކުރަމުންދިޔަ ޚަރަދު ވެސް ބޭންކް އެކައުންޓަށް ޖަމާ ކުރަމުން ގެންދިޔަ އެވެ. އޭނާއަށް ލިބޭ އިތުރު ފައިސާ އާއެކު މިހާރު ފުދޭވަރެއްގެ އެއްޗެއް އެކައުންޓުގައި ހުރި ކަމަށާއި މިހާރު ގަސްތުކުރަނީ އެ ފައިސާ އިން ގެ ދެބުރިއަށް ހަދަން ކަމަށް އޭނާ ބުންޏެވެ.

ހަމަގައިމުވެސް ވެނުގޯޕާލް އަކީ ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ ހަމަ ކޮންމެ މީހަކަށް ވެސް ރަނގަޅު މިސާލަކަށް ވާނެ އެވެ.
ސިނގިރޭޓް ބުއިން ހުއްޓާލުމަކީ އެ ބޯ ކޮންމެ މީހަކަށް ވެސް ނިންމޭނެ އެންމެ ރަނގަޅު ނިންމުމެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމުން މީހާގެ ސިއްހަތު ރަނގަޅުވެ ހީނުކުރާ ވަރުގެ ގިނަ އަދަދެއްގެ ފައިސާ ރައްކާ ކުރެވޭނެ އެވެ.

އިންޑީޔާގައި ކޮރޯނާވައިރަހުގެ ވަބާ ފެތުރިފައިވާ މި ދަނޑިވަޅުގައި އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 72 ޕަސެންޓް މީހުން ސިނގިރޭޓް ބުއިން ހުއްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އުމުރުން 25 އަހަރާއި 39 އަހަރާ ދެމެދުގެ 69 ޕަސެންޓް މީހުން ދުންފަތާ ދުރުވެވޭތޯ މަސައްކަތް ފަށާފައިވާ ކަމަށް ފައުންޑޭޝަން ފޯ އަ ސްމޯކް-ފްރީ ވޯލްޑް އިން ކޮށްފައިވާ ސާވޭ އަކުން ދައްކާފައި ވެއެވެ.