ލައިފްސްޓައިލް

ކޮވިޑުން ރައްކާތެރިވާން ފައިސާތައް މެޝިނުން ދޮވުމުން ބޮޑު ބައެއް ހަލާކު

ފައިސާއިން ހިންގާ ޖަރީމާ އަކަށް ވެސް މަނީ ލޯންޑްރިން ކިޔަ އެވެ. އަދި ދޮންނަ މެޝިނަކަށް އަޅައިގެން ފައިސާ ދޮވުމަށް ވެސް ކިޔޭނީ ހަމަ މަނީ ލޯންޑްރިން އެވެ. މި ދެ ގޮތުން ކުރެ އެއްވެސް ގޮތަކަށް މަނީ ލޯންޑްރިން އަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.

އެސޯސިއޭޓެޑް ޕްރެސްގައިވާ ޚަބަރެއްގައިވާ ގޮތުން ސައުތު ކޮރެއާގެ މީހަކަށް ފައިސާ ދޮވުމުން ވާ ގޮތް ވަރަށް ރަނގަޅަށް ވަނީ ތަޖުރިބާ ކުރެވިފަ އެވެ. ކޮރޯނާވައިރަސް ހުރެދާނެތީ ގަންނާކުރެއްވި ބިރުން މި މީހާ ވަނީ އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާ ދޮންނަ މެޝިނަކަށް އަޅައިގެން ދޮވެ ފައެވެ. މިގޮތަށް ފައިސާ ދޮވުމުން މި މީހާ އަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

ސޯލްގެ ކައިރީގައި އޮންނަ އަންސަން ސިޓީގައި ދިރިއުޅޭ މި މީހާ ވަނީ ގިނަ އަދަދެއްގެ ފައިސާ މެޝިނަށް އަޅައިގެން ދޮވެފަ އެވެ. މި މީހާއަށް ލިބުނު ލަނޑު މީޑިއާ ތަކަށް ފެންމަތިވީ ފައިސާތައް ހަލާކުވުމުން އެ ހިފައިގެން ބެންކް އޮފް ކޮރެއާ އަށް ގޮސް އެ އެއްޗެތި ބަދަލު ކުރެވޭތޯ މަސައްކަތް ކުރުމުންނެވެ.

ބެންކްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މި މީހާގެ ގިނަ އަދަދެއްގެ ފައިސާ ހުރީ އެއްގޮތަކަށް ވެސް ވަކި ކުރަން ނޭނގޭ ވަރަށް ހަލާކުވެފަ އެވެ. އެހެންވެ އެ އެއްޗެހި ބަދަލު ކޮށް ނުދޭވެނެ ކަމަށް ބެންކުން އެމީހާއަށް އެންގި ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

ހަލާކުވެގެން މި މީހާއަތުން ގެއްލުންވީ ކިހާ ފައިސާއެއް ކަން ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ބެންކުގެ އޮފިޝަލު ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުގައި ހަލާކުވެފައި ހުންނަ ފައިސާގެ ތެރެއިން ބަދަލުކޮށްދެނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ހުންނަ ފައިސާ އެވެ. މާ ބޮޑަށް ހަލާކުވެ ހުންނަ ފައިސާ އެ ބެންކުން ބަދަލެއް ނުކޮށްދެ އެވެ.

ދޮންނަ މެޝިނަށް ލައިގެން ދޮވުމުގެ އިތުރުން މައިކްރޯވޭވަށް ލައިގެން ފައިސާ ޑިސްއިންފެކްޓްކުރަން ވެސް ބައެއް މީހުން މަސައްކަތް ކުރެ އެވެ.

ކިމް ނަމަކަށް ކިޔާ މީހަކު އޭނާގެ އަތުގައި ހުރި ފައިސާގެ ނޫޓުތައް މިގޮތަށް މައިކްރޯވޭވް އަށް ލައިގެން އެ ފައިސާތައް ވަނީ ހަލާކުވެފަ އެވެ. މި މީހާ އަށް ލިބުނު ގެއްލުމުގެ އަދަދު 5.2 މިލިއަން ކޮރެއާ ފައިސާ އާ އެއްވަރެވެ. އެއީ ގާތްގަނޑަކަށް 4370 ޔޫއެސް ޑޮލަރެވެ.
ފައިސާ ދޮވުމަކީ އަދި ހޫނު ކުރުމަކީ ވެސް އޭގެން ވައިރަސް ނައްތާލަން ކުރަން ރަނގަޅު ކަންތަކެއް ނޫނެވެ. މި ދެ ކަމުން ވެސް ފައިސާއަށް ހީނުކުރާ ވަރުގެ ގެއްލުން ލިބޭނެ އެވެ.