ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޑިއާއަށް ބޭހަށްދިޔަ 8 ދިވެހިން ޕޮޒިޓިވް

ބޭސްފަރުވާއަށް އާސަންދައިގެ ދަށުން އިންޑިއާއަށްދިޔަ ދިވެހިންގެ ތެރެއިން 8 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ދިވެހި ސަރުކާރުން އެދިގެން އިންޑިއާ ސަރުކާރުން ވަނީ ބޭސްފަރުވާއަށް އެ ގައުމަށް ދިއުމުގެ ހުއްދަ ދިވެހިންނަށްދީފައެވެ. އާސަންދައިން އެކި ބުރުގެ މަތިން ސިއްހީ އަވަސް ފަރުވާ ބޭނުންވާ ދިވެހިން އިންޑިއާއަށް ދަނީ ގެންދަމުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ ބޭސްފަރުވާއަށް އާސަންދައިގެ ދަށުން އިންޑިއާއަށްދިޔަ ދިވެހިންގެ ތެރެއިން 8 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ބަލި ޖެހިފައިވާކަން އެނގުނީ މިއަދުއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްލަ 8 މީހަކު، ރާއްޖެއިންދިޔަ ޕޮޒިޓިވްވެފައިވޭ. އެއީ އަމްރިތާއަށްދިޔަ ހަތަރު މީހަކާއި ކިމްސްއަށްދިޔަ ހަތަރު މީހެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން ބުނީ ބޭހަށް އިންޑިއާއަށް ހުރިހާ ދިވެހިންވެސް ފުރުވާލީ ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވުމުންނެވެ. އަދި އެމީހުން އިންޑިއާއަށް އެތެރެވުމުގެ ކުރިން އިތުރު ޓެސްޓެއް ހަދާ ބަލި ނެތްކަން ޔަގީން ކުރާނެ ކަމަށެވެ. މީގެ އިތުރުން 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެއިރު އޭގެ ފަހުންވެސް އިތުުރު ޓެސްޓެއް ހަދާނެއެވެ.