ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކު ޖޫރިމަނާ: ފުރަތަމަ ހަފުތާގައި 278 ޖޫރިމަނާ

މާސްކު ނާޅައި ބޭރުގައި އުޅުނު 278 މީހަކު ހުއްޓުވައި ޖޫރިމަނާ ކޮށްފި އެވެ. މިއީ މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރަން ފެށި ފުރަތަމަ ހަފްތާގައި އަދަދުތަކެވެ.

ސިއްހީ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ބޭރަށް ނުކުމެ އުޅޭއިރު އަނގަ އާއި، ނޭފަތުގެ އިތުރުން ދަތްދޮޅި ނިވާ ވާގޮތަށް މާސްކު އެޅުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަނީ ލާޒިމުކޮށްފަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުރަތަމަ ހަފްތާގައި މާސްކު ނާޅައި ބޭރުގައި އުޅުނު 1356 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 278 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ވަނީ ލާޒިމެވެ. އެ އެންގުން ތަންފީޒު ކުރުމުގައި ފުލުހުން މިއަދު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ.

ނަޒްލާ ވިދާޅުވީ މަގުމަތީގައި މާސްކު ދަތްދޮޅިއާ ހަމައަށް ތިރިކޮށްގެން ސިގިރޭޓްބޯން މީހުން ތިބޭ ކަމަށާ ނަމަވެސް އެއީ މަނާ ކަމެއް ކަމަށެވެ. އަދި ކެފޭ އާއި ހޮޓާ، ރެސްޓޯރަންޓްތަކަށްދާ މީހުން ވެސް މޭޒު ކައިިރިއަށް ގޮސް އިށީންނަންދެން މާސްކު އަޅައިގެން ތިބެން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށް، އެ އެންގުމާ ހިލާފުވާ މީހުންނަށްވެސް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.