އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެ އެވެ.
މިއީ ކޮވިޑްގެ ބަލި އަލުން ފެތުރެންފެށި ފަހުން އައްޑޫ ސިޓީން ކޮވިޑަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އެޗްޕީއޭއިން މިރޭ ބުނީ އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހާ ދަތުރުކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަށްފަހު ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވުމުގެ އުސޫލު ވަނީ ވަރަށް ހަރުކަށި ކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ރަށްރަށުގައި ކަރަންޓީންވާ ފޮނުވާނީ ފަސް ޝަރުތެއް ހަމަވާ މީހުންނަށް އެކަނި ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވަމުންދާތީއެވެ. މާލެ ސިޓީގެ އިތުުރުން ގިނަ ރަށްތަކެއްގައިވެސް ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ.
ހޯމްކަރަންޓީންގެ ޝަރުތުތައް
- ޑިކަލް އިމާޖެންސީއެއްގައި / ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެން،
- މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން،
- ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށް،
- ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން،
- ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމާއި ގުޅިގެން،
އެޗްޕީއޭއިން ބުނީ ހޯމްކަރަންޓީންއަށް އެދުމަށްފަހު އެކަމާ ގުޅޭ ލިޔެކިޔުންތައް ރަށުކައުންސިލަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ލިބުމުން ކަމަށެވެ.
އަދި މިހާތަނަށް ހޯމް ކަރަންޓީންވުމަށް އެޕްރޫވް ނުލިބިވާ މީހުން އަލުން ހޯމްކަރަންޓީން ވުމަށް އަލުން ހުށައަަޅަންޖެހޭނެ ކަމަށެވެ. އެކަން އެމީހުންނަށް އަންގާފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ދަތުރު ކުރެވޭނީ އެ ފަސް ޝަރުތުގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ކަމަށެވެ.