ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގައި ކާފިއު ހިންގަނީ، ސުކޫލުތައް ދެ ހަފްތާއަށް ބަންދު

ކޮވިޑް-19 ގެ ހާލަތު ގޯސްވެ އައްޑޫ ސިޓީގައި ކާފިއު ހިންގަން ނިންމައިފި އެވެ.

އައްޑޫ އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް އެ ސިޓީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ސުކޫލުތައް ދެ ހަފްތާއަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ/ހޮޓާ އަދި އާންމު ހިދުމަތް ދިނުން މަނާވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. ޓެކްސީ ސެންޓަރުތަކަށްވެސް ހުއްދަ ދޭނީ ސެންޓަރަކަށް ދެ ޓެކްސީ އަށެވެ. މޭޔަރު ވިދާޅުވީ ފިޔަވަޅު އެޅީ މަޖުބޫރު ވެގެން ކަމަށާ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫގައި 166 އެކްޓިވްސް ކޭސްވެއެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯހީ މަރަދޫއެވެ. އެ ރަށުގައި 80 މީހަކަށް ވަނީ ބަލިޖެހިފައެވެ. ހިތަދޫގައި 36 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިއަދުވެސް 18 މީހަކަށް ވަނީ ބަލިޖެހިފައެވެ.

އަދި ވިދާޅުވީ ހާލަތު ރަނގަޅުވެއްޖެނަމަ ދެ ހަފްތާގެ ކުރީން ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ބަންދު ބަންދުކޮށްފައިވަނީ މިއަދު އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫގެ ފޭދޫ ބަންދުކޮށްފައިވަނީ އެ ރަށްރަށުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެވެ. ކޮވިޑްގެ ހާލަތު އެ ރަށްރަށުގައި މިދިޔަ ދުވަސްތަކުގައި ދިޔައީ ގޯސްވަމުންނެވެ.