ދުނިޔެ

ލުބުނާނަށް އެހީވާން ދުނިޔޭގެ ލީޑަރުންގެ ސަމިޓެއް

Aug 9, 2020

ބެއިރޫތު (އޯގަސްޓް 9) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މިދިއަ އަންގާރަ ދުވަހުގެ ބާރު ގަދަ ގޮވުންތަކުގެ ސަބަބުން މުޅި ސިޓީގެ ބޮޑު ސަރަހައްދެއް ބިމާ ހަމަވެފައިވާއިރު، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމެއް ތާވަލުކޮށްފި އެވެ.

އދ. އާއި ފްރާންސް އިސްވެ އިންތިޒާމުކޮށްފައިވާ ވާޗުއަލް ކޮންފަރަންސް މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން، ދުނިޔޭގެ ބާރުގަދަ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސް ކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.

ބާރުގަދަ ގޮވުމާއެކު ބެއިރޫތު ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ތިން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބެއިރޫތުގެ ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.

ލުބުނާނުގެ ކަމާބެހޭ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި، އެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު 15 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެ ހާދިސާގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 5،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން 120 މީހެއްގެ ހާލު ސީރިއަސްކަމަށް ބުނެފައިވާއިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްވެސް އަދިވެސް ދަނީ ކުރެވެމުންނެވެ.

އެގޮތުން، 60 އަށް ވުރެ ގިނަ މީހުން އަދިވެސް ވީތަނެއް ނޭނގޭކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ހާދިސާއަށް ފަހު ކޮރަޕްޝަނާއި، ނާގާބިލުކަމާއި، އިހުމާލުގެ އިނގިލިތައް ސަރުކާރުގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު އެތަކެއް ހާސް އާއްމުން އިއްޔެ ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފަ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާއެކު ހިނގި ކުރިމަތިލުންތަކުގައި ގިނަ ބައަކަށް ވަނީ އަނިޔާވެފަ އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ވަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސްވެސް ބޭނުންކޮށްފަ އެވެ.

އާއްމުންގެ ރުޅިގަނޑު ސަރުކާރަށް އަމާޒުވެފައިވާއިރު، އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިހުމާލުގެ އިތުރުން، ހާދިސާގެ ތަހުގީގުގައި ބޭރުގެ އެއްވެސް އަތެއްވޭތޯ ވެސް ބަލާނެކަމަށް ލުބުނާނުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މިހާރުވެސް 16 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އޭގެ ތެރޭގައި ލުބުނާނުގެ ކަސްޓަމްސްގެ ވެރިޔާގެ އިތުރުން، ޕޯޓު މެނޭޖަރުވެސް ހިމެނެ އެވެ.