ދުނިޔެ

ލުބްނާންގައި ތެޔޮ ޓޭންކް ގޮވީ ކޮރަޕްޝަނާ ހެދި: ބޮޑުވަޒީރު

ލުބްނާންގައި މިދާކަށް ދުވަހު ތެޔޮ ޓޭންކެއް ގޮވައި 28 މީހަކު މަރުވި ހާދިސާއާ ބެހޭ ގޮތުން ވަގުތީ ބޮޑުވަޒީރު ހަސަން ދިއާބް ވިދާޅުވީ އެކަން އެގޮތަށް ހިނގަން މެދުވެރިވީ ގައުމުގައި ކޮރަޕްޝަން ވަބާއަކަށް ވެފައި އޮތުމުން ކަމަށެވެ. މިހާދިސާގައި 79 މީހަކަށް އެކިވަރުގެ ތަފާތު ގެއްލުންތައް ލިބިފައިވެ އެވެ.

ހަސަން ދިއާބް ވިދާޅުވީ ލުބްނާންގައި ފަހަކަށް އައިސް ހިނގަމުންދާ ހާދިސާތަކުން ސާބިތުވަނީ ގައުމުގައި ކޮރަޕްޝަން އޮތް މިންވަރެވެ. އެމީހަކަށް ކުރެވުނުކަމެއް ކޮންމެ ގޮތަކަށް ކޮށްގެން ނަމަވެސް ބަލަނީ ފައިސާ ހޯދަން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ސަރުކާރުން ދަނީ އެހީތެރިވެ ދެމުންނެވެ. އެހެން ނަމަވެސް، އިދާރާތަކަށް އޮތް މަސްއޫލިޔަތު ވެސް ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ކުށްވެރިވާ މީހުންނަށް އަދަބު ކަނޑައެޅުމަށް ވެސް ބޮޑުވަޒީރު ގޮވާލެއްވި އެވެ.

އިންސާނީ ކާރިސާތައް ކަމަށް ބަލަން ޖެހޭ ހާދިސާތައް ހިނގަނީ މަސައްކަތްތަކުގައި ފެންވަރެއް ނެތުމުންނާއި ޒިންމާ ނަގާނެ މީހަކު ނެތުމުން ކަމަށް ހަސަން ދިއާބް ވިދާޅުވި އެވެ.

ލުބްނާންގެ ރައީސް މިޝޭލް އައުން ވިދާޅުވީ ތަހުގީގީ އިދާރާތައް ފުޅާވާން ގޮވާލައްވާފައި ވާނެ ކަމަށާއި ޝަރުއީ ދާއިރާއިން ވެސް މައްސަލަތައް ހަލުއިކުރަން ދަންނަވާފައި ވާނެ ކަމަށެވެ.

ލުބްނާން މިހާރު އޮތީ ވަރަށް ހާލުގަ އެވެ. ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވި ހާދިސާއިން އަރައިނުގަނެވިގެން އުޅޭއިރު ފައިސާގެ ދަތިކަން ވެސް އޮތީ އިންތިހާއަށް ގޮސްފަ އެވެ. ސަރުކާރެއް އެކުލަވާލެފައި ނެތުމުން ބޭރުން ލިބެން ހުރި އެހީތައް ވެސް ހުރީ ހުއްޓިފަ އެވެ.