ދުނިޔެ

ލުބްނާނުން ތެޔޮ ހުސްވެ ކަރަންޓް ކެނޑިއްޖެ

ލުބްނާނުން ތެޔޮ ހުސްވެ ކަރަންޓްދޭ އިންޖީނުތައް ހުއްޓިއްޖެ އެވެ. ގައުމު ހިންގަން ބޭނުންވާ ވަރަށް ތެޔޮ ނުލިބިއްޖެ ނަމަ އިންޖީނުތައް ނިއްވާލައި ގައުމު ހުއްޓާލަން ޖެހިދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ލުބްނާނަށް ކަރަންޓްދޭ ކުންފުނިތަކުން އިންޖީނުތައް ހިންގަން އެހެން ފިކުރެއް ކުރަމުން ގެންދާ ކަމަށް ބުނި ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ވެސް މައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭ ކަމަށް ރޮއިޓާސް ބުނެ އެވެ.

ބޭރުތު ބަނދަރު ގޮވި ހާދިސާއަށް އަހަރު ދުވަސް ވެގެން ދިޔައިރު ވެސް ގައުމުގެ ހާލަތު ބަދަލުވާތީ ނުފެނެ އެވެ. އިގުތިސޯދީ ގޮތުން ގައުމު ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަންނާނެ ގޮތެއް، ސަރުކާރު ހިންގަން ތިބި ވެރިންނަށް އަދި ވެސް އެކުލަވައި ނުލެވެ އެވެ.

ސަރުކާރެއް އެކުލަވާ ނުލެވި ދިގުލައިގެން ދިއުމުގެ ސަބަބުން މާލީ ގޮތުން ލިބެން ހުރި އެހީތައް ވެސް ހުރީ ހުއްޓިފަ އެވެ. އަނެއްކޮޅުން ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔެ ބަންދުކުރަން ޖެހުމުގެ ސަބަބުން ވެސް ލުބްނާންގެ ހާލަތު ދިޔައީ ދަށަށެވެ.

ލުބްނާނުން އެދިއްޖެ ނަމަ ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދެވިދާނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ. ލުބްނާނުން އެދިއްޖެ ކޮންމެ އެހީއަކާ މެދު ވިސްނާނެ ކަމަށް ވެސް އީރާނުން ބުނެ އެވެ.

އީރާންގެ މިބުނުމަށް ލުބްނާނަށް އެހިތެރިވާން ތިބި އެހެން ގައުމުތަކުން އަޅާލާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އީރާނުން ވެދޭ އެހީތެރިކަމުގެ ފަހަތުގައި ސިޔާސީ އެދުމެއް އޮވެދާނެތީ އެވެ.

ލުބްނާނަށް ދިމާވެފައި އޮތް ތެލުގެ މައްސަލަ ހައްލުކުރުމަށް މިސްރާއި އުރުދުން ގުޅިގެން ސީރިއާ ތެރެއިން ތެޔޮހޮޅިއެއް އަޅަން މަސައްކަތްކުރާ ކަމަށް ވެސް ބުނެވެ އެވެ. މިއީ ދާއީމިީ ހައްލަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް މިހާލަތުގައި އިންތިޒާރު ކުރަން ދިގު މުއްދަތަކަށް ވާނެ އެވެ.