ދުނިޔެ

ކުރިއަށް ދެވޭނެ ގޮތެއް ނެތް، އިސްތިއުފާދީފިން: ހަރީރީ

ލުބްނާންގައި ސަރުކާރެއް އުފައްދަން ކުރެއްވި އެއްވެސް މަސައްކަތަކުން ކުރިއަށް ވަޑައިގަނެވޭނެ ގޮތެއް ފެނިވަޑައި ނުގެންނެވި ކަމަށް ސައުދު ހަރީރީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ސަރުކާރެއް އެކުލަވާލުމަށް ރައީސް މިޝޭލް އައޫން ހަވާލުކުރެއްވި ޒިންމާތައް ދޫކޮށްލައްވާ ކަމަށާއި އިސްތިއުފާދެެއްވާ ކަމަށެވެ.

ސައުދު ހަރީރީ އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރެއް އެކުލަވާލުމަށް ކެބިނެޓް މިނިސްޓަރުންގެ ލިސްޓެއް ރައީސް މިޝޭލް އައޫންއަށް ހުށަހަޅުއްވައި ގިނައިރުތަކެއް ނުވަނީސް އެވެ. ހަރީރީއަށް ކުރިއަށް ވަޑައިގަނެވެން އޮތީ ރައީސް ވަކި ގޮތެއް ނިންމެވުމުންނެވެ. ހަރީރީ މީގެ ކުރިން ހުށަހެޅުއްވި ކެބިނެޓް ލިސްޓެއް ވެސް ރައީސް ގަބޫލުފުލެއް ނުކުރެއްވި އެވެ.

ލުބުނާންގައި ސަރުކާރެއް އެކުލާވުމުގެ ޒިންމާ ރައީސް މިޝޭލް އައޫން ހަރީރީއާ ހަވާލުކުރެއްވީ އޮކްޓޯބަރު 2020 ގައެވެ. ލުބްނާންގައި އެއިރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ހަސަން ދިއާބް އޮގަސްޓް 10، 2020 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއަށް ފަހު ސަރުކާރެއް އެކުލަވާނުލެވިި ގައުމު އޮތީ ހުހަށެވެ. ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވި މައްސަލާގައި އުދާސް ބޮޑުވެ ހަސަން ދިއާބްއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ.

ހަރީރީ ވިދާޅުވީ ރައީސް ރުހިވަޑައިގަންނަވާ ކެބިނެޓެއް އެކުލަވާލާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ނުވަ މަސްދުވަސް ފާއިތުވެގެން ދާއިރު ހުންނާނީ މަސައްކަތްތަކެއް ވެސް ކުރެވިފައި ކަމަށެވެ. އޭނާ ވިދާޅުވީ ގައުމު އޮތީ ހުއްޓިފައި ކަމަށާއި ރައީސް ދައްކަވާހާ އަކުރެއްގައި ފިލިޖަހާނެ ވަގުތެއް ނެތް ކަމަށެވެ.

ލުބްނާންގަައި ސަރުކާރު ހިންގާ ނިޒާމުގައި ބޮޑުވަޒީރަކަށް ވާންޖެހެނީ ސުންނީ މުސްލިމެކެވެ. ސައުދު ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެ މަސައްކަތްތައް ހަވާލުކުރައްވާނެ ބޭފުޅަކު ހޯދުން ޚުދު ރައީސް މިޝޭލް އައޫންނަށް ވެސް ދަތިފުޅު ކަމަކަށް ވާނެ އެވެ.

ސައުދު ހަރީރީއަކީ މުޅި ސަރަހައްދު ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅުކެވެ. އަރަބި އެކުވެރި ގައުމުތަކާ ވަރަށް ގާތް ގުޅުމެއް ބާއްވަވަ އެވެ. ލުބްނާނަށް މިވަގު ޖެހިފައި އޮތް ހާލަތުން ގައުމަށް އެންމެ ރަނގަޅު މަންފާއެއް ކުރާނެ ކަމަށް ބެލެވެނީ ވެސް ހަރީރީ ބޮޑުވަޒީރުކަމުގަ އެވެ.