ދުނިޔެ

ބޭރޫތު ކެމިކަލް ގުދަން ގޮވި މައްސަލާގައި ބޮޑުވަޒީރަށް ދައުވާ

ލުބުނާންގެ ވެރި ރަށް ބޭރޫތުގައި ކެމިކަލް ގުދަނެއް ގޮވި މައްސަލާގައި، ބޮޑުވަޒީރު، ހަސަން ދިއާބަށް ދައުވާ ކޮށްފި އެވެ. މި ހާދިސާގައި 204 މީހުން މަރުވެ، 6،500 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. ދައުލަތަށް ލިބުނު ގެއްލުން 15 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ބުނެވެ އެވެ. މި މައްސަލާގައި ބޮޑު ވަޒީރުގެ އިތުރުން، ތިން މިނިސްޓަރަކަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ހުރި ކެމިކަލް ގުދަން ގޮވި މައްސަލަ ބޮޑުވެ ކުރިމަތިވެވަޑައިގެންނި ދަތިތަކާ ހުރެ، ހަސަން ދިއާބު ވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ހަސަން ދިއާބު އެ މަގާމުގައި މިހާރު ހުންނެވީ އާ ބޮޑުވަޒީރަކު ހަމަޖެހެން ދެނެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރު، ހަސަން ދިއާބަށާއި ކުރީ ސަރުކާރުގެ ތިން މިނިސްޓަރަކަށް ދައުވާ އުފުލީ އަޅައިލުން ކުޑަކަމަށް ވިދާޅުވެ އެވެ. ގައުމު ހިންގެވުމާ ހަވާލުވަޑައިގެން ތިއްބަވައި ރައްޔިތުންގެ ރަައްކާތެރިކަމަށްޓަކައި އެކަށީގެންވާ ވަރަށް މަސައްކަތްކުރެވިފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކެމިކަލް ގުދަނުގައި މައިގަނޑު ގޮތެއްގައި ހުރީ އެމޯނިއަމް ނައިޓްރޭޓް އެވެ. ބަނދަރުގައި އޮތް ބޯޓަކުން ބޭލި ކެމިކަލްތައް ގުދަނުގައި ހުންނަތާ ހައެއްކަ އަހަރު ވަނީ ފާއިތުވެފަ އެވެ. އެހާ ދުވަސް ވެގެން ދިއައިރު ވެސް، ކެމިކަލްތައް ނައްތާލަން ހަރުދާނާ މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

މި މައްސަލާގައި ދައުވާ އުފުލައި ސުވާލު ކުރަން ހަމަޖެއްސި އެންމެ އިސް މީހުންނަނީ މިއެވެ. ސިއްރިޔާތުގައި ކުރިއަށް ގެންދާ މި މައްސަލައިގެ އިތުރުން، އިތުރު 30 އޮފިޝަލަކު ވެސް ވަނީ ގުޅުން ހުރި ކަމަށް ބުނެ ހައްޔަރު ކޮށްފަ އެވެ.

މި މައްސަލަ، އެކަށީގެންވާ ބާރު މިނުގައި ނުބެލޭތީ ވެސް ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ. މިއީ ބަޔަކު ރާވައިގެން ހިންގި ހާދިސާއެއް ކަމަށް ބައެއް މީހުން ޝައްކުކުރެވެ. އެމޯނިއަމް ނައިޓްރޭޓަކީ އޭގެ ތަބީއަތުގައި ވެސް ގޮވައި ހުޅުހިފަން ޝަރުތުތަކެއް ހުންނަ ކެމިކަލެކެވެ.