ދުނިޔެ

ބޭރޫތު ކެމިކަލް ގުދަން ގޮވި ބިރުވެރި ހާދިސާއަށް އެއްއަހަރު

ލުބުނާންގެ ވެރިރަށް ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވައި އެތައް ބަޔަކު ހައިރާކޮށްލި ބިރުވެރި ހާދިސާއަށް މިއަދު އެއްއަހަރު ފުރުނީ އެވެ. ލުބްނާންގެ ހާލަތު އެއިރަށް ވުރެ މިހާރު ގޯހެވެ. ސަރުކާރެއް އެކުލަވާ ނުލެވި އޮންނަތާ ވެސް އަހަރެއް ވަނީ އެވެ.

ބޮޑުވަޒީރުގެ ޒިންމާތައް ވަގުތީ ގޮތުން ރައީސް މިޝޭލް އައޫން ހަވާލުކުރައްވާފައި ހުންނެވި ހަސަން ދިއާބު ވިދާޅުވީ ކެމިކަލް ގުދަން ގޮވި ހާދިސާއާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ވަރަށް އަދިވެސް އެ ހާދިސާގެ މައުލޫމާތު އޮޅުންފިލިވައިދީފައި ނުވާ ކަމަށެވެ.

ހަސަން ދިއާބު ވިދާޅުވީ އެއީ ބިރުވެރި ދުވަހެއް ކަމަށާއި ރައްޔިތުން އަދިވެސް ތިބީ ބިރުވެރިކަމުގައި ކަމަށެވެ. އެކަމުގެ ޒިންމާ ނަގާނެ ބަޔަކު ނެތް ކަމަށާއި ކުށްވެރިވާ ބަޔަކު ވެސް ނެތް ކަމަށް ދޭހަވާ ގޮތަށް ހަސަން ދިއާބު ވަނީ ވާހަކަދައްކަވާފަ އެވެ.

އޮގަސްޓް 4، 2020 ގައި ބޭރޫތު ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވި އެވެ. އެއް ބަޔަކަށް އެއީ ދުވަހަކު ވެސް އިވިފައި ނުވާ ވަރުގެ ގަދަފަދަ އަޑެކެވެ. އަނެއް ބަޔަކު ބުނާ ގޮތުން މުޅިތަން ގުގުމަައިގެން ދިޔަ ވަގުތު ވީގޮތެއް ހަނދާނުގައި ނެތެވެ. – ކިޔައިދޭކަަށް ނޭނގެ އެވެ.

އެކަމަކު އެއީ ހަމައެކަނި އިވުނު ގަދަފަދަ އަޑެއް ނޫނެވެ. އެ ހާދިސާގައި 200 މީހުން މަރުވެފައި ވާއިރު ގުނަވަންތަން ފިހި ގައިން ބޮޑު ބައެއް އަނދައި އަދި މިފަދައިން އެކިވަރުގެ ގެއްލުން ލިބުނު މިހުންގެ އަދަދު 6،000 އަށް ވުރެ ގިނަ އެވެ.

ބޭރޫތަށް ލިބުނު މާލީ ގެއްލުންތައް ފޫބެއްދޭނެ ދުވަހެއްވެސް ނޭނގެ އެވެ. އެ ހާދިސާއާ ބެހޭ ގޮތުން ބުނެވިގެން ދިޔައީ ކެމިކަލް ގުދަން ގޮވީ ގުދަނުގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުން ކަމަށެވެ. ހަސަން ދިއާބު ވިދާޅުވީ އާންމުންނަށް އެނގިފައި އޮތް މިންވަރަކީ އެއީ ކަމަށެެވެ.

މިހާދިސާގައި ގެއްލުން ލިބުނު އާއިލާތައް އަދި ވެސް ތިބީ މަގުމަތީގަ އެވެ. ސަރުކާރަށް ޕްރެޝަރު ކުރުމުގެ ބޭނުމުގަ އެވެ. އެކަމަކު ސަރުކާރެއް ނެތް ތަނެއްގައި ޕްރެޝަރުކުރާނެ ގޮތެއް އެމީހުންނަކަށް ވެސް ނޭނގެ އެވެ.

ހަސަން ދިއާބު ވިދާޅުވީ ޖަވާބެއް ދެވެން ނެތް، ވަރަށް އާދައިގެ ސުވާލުތައް ވެސް އެބަހުރި ކަމަށެވެ. އެހާ ބައިވަރު ކެމިކަލް އެއްތަނަކަށް ޖަމާކުރީ ކޮންބައެއް ހެއްޔެވެ؟ އެތަނުގައި ހަތް އަހަރު ވަންދެން ކެމިކަލްތައް ބަހައްޓަން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ގުދަން ގޮވަން ޖެހުނީ ހަމަ އެހެން ހުރެފައި ކެމިކަލްގައި ރޯވެގެން ހެއްޔެވެ؟ ހަސަން ދިއާބު ވިދާޅުވީ މިސުވާލުތަކަށް ޖަވާބު ދެއްވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާ އަށް ޖަވާބެއް ދެވޭ ވަރުގެ ސަރުކާރެއް ލުބުނާންގައި ނެތް ކަމުގައިވެސް ވިދާޅުވި އެވެ. ޝަރުއީ ދާއިރާ އިން ސަރުކާރަށް ކުރާ އަމުރުތައް ތަންފީޒުކުރެވޭ ވަރަށް ވުރެ ގައުމުގެ އޮނިގަނޑު ބަލިކަށި ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.