މޫސުން

މޫސުން ވަރަށް ބަނަ، ވާރޭ ވެހޭނެ، ވައި ގަދަވާނެ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް އިޝޫކޮށްފި އެވެ.

އެ އޮފީހުން މިއަދު ބުނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް އިޝޫކޮށްފައި ވަނީ މިއަދު ހެނދުނު 7:35 އިން ފެށިގެނެވެ. މީގެ އިތުރުން، ހއ. އިން ދ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓެއް ވެސް ނެރެފައި ވެއެވެ. މި ސަރަހައްދުތަކަށް ވެސް ގުގުރައި ބޯކޮށް ވާރޭ ވެހޭނެ އެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބި އިއްޔެ ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން، ޅ. ކުރެންދޫގައި ފެންބޮޑުވެ ވިއްސަށްވުރެ ގިނަ ގެޔަކަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ވިއްސާރާގައި ގެތަކަށް ފެން ވަދެފައިވާއިރު އަލަމާރި ކަބަޑު ފަދަ މުދަލަށް ގެއްލުން ލިބިފައިވާކަމަށް ވެސް އެ ރަށު ކައުންސިލުގެ އިދާރާއިން ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައިވެސް އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުންތައް ލިބުނެވެ. ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އެ މޫސުމުގައި މިހާރު ހިނގަމުން ދަނީ އަހުލިހަ ނަކަތެކެވެ. އަދި މާދަމާއަކީ މާ ނަކަތް ފަށާ ދުވަހެވެ.