ސިއްހަތު

ބަލިތަކުގެ އާފާތެއް ފެތުރެނީ!

ކޮރޯނާވައިރަހުގެ ވަބާ އާ ގުޅިގެން އެކަމަށް ހުރިހާ އެންމެންގެ ސަމާލުކަން ހުއްޓުމުގެ ސަބަބުން އެޗްއައިވީ އާއި ޓީބީ އަދި މެލޭރިއާއަށް މުޅި ދުނިޔޭގައި ދެމުން އައި ބޭސް އުފެއްދުމަށް ވަނީ ހުރަސް އެޅިފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔެ ލޮކްޑައުންއަކަށް ގޮސްފައި އޮތް ތިން މަހާއި މިކަމުން އަރައިގަނެ އާންމު ހާލަތަކަށް ދިރިއުޅުން ބަދަލުވާން ނަގާނެކަމަށް ބެލެވޭ ޖުމްލަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި 6.3 މިލިއަން މީހުންނަށް ޓިއުބަކިލޯސިސް (ޓީބީ) ޖެހި މީގެ ތެރެއިން 1.4 މިލިއަން މީހުން މަރުވާނެ އެވެ.

ޓީބީގެ ފުރަތަމަ އަލާމާތަކަށް ވަނީ އާދައިގެ ހުމަކާއި ގޮތްނޭނގޭ އުނދަގޫ ތަކެކެވެ. އޭގެ ފަހުން ވަރަށް ވޭން ހުރި ކެއްސުމަކާއެކު ނޭވާ ކުރުވާ ގޮތް ވެއެވެ.

މިއީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެކެވެ. އާންމު ތަނަކަށް މިފަދަ މީހަކު ނުކުމެ އުޅޭނަމަ އޭނާއާ ކައިރިވާ އެންމެންނަށް ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޓީބީ ޖެހޭ މީހުން ރަނގަޅުވާން އެތައް ހަފުތާއެއް އެތައް މަހެއް ނަގަ އެވެ.
ވަރަށް މަޑުމަޑުން އިންސާނާގެ ގައިގައި ވަކި ހިއްޕަމުން އައިސް ފުރާނައަށް ނުރައްކާކޮށްލާ މި ބަލި ނެތް ހިސާބެއް ދުނިޔެއަކު ނެތެވެ. ކޮންމެ އަހަރަކު 1.5 މިލިއަން މީހުން މި ބަލީގައި ދުނިޔެ ދޫކުރެ އެވެ.

މިއަހަރު ފެށުމާ ހަމަޔަށް ޓީބީ އާއި ހަމަ އެހާމެ ފުރާނައަށް ނުރައްކާ އެޗްއައިވީ އަދި މެލޭރިއާ އަށް ފެތުރިގަނެވޭނެ ގޮތް ނުވެ ކޮންޓްރޯލް ކުރެވިފައި އޮތެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ހުރިހާ ހެލްތު ރިސޯސަސް އެއް މި ބައްޔަށް ހުސްކޮށްލި އެވެ. އެއްވަރުގެ ނުރައްކާ ތިން ބަލި އަލުން ފެތުރިގަނެދާނެ ކަމުގެ ބިރުން ދުނިޔެ ޣާފިލު ވިއެވެ.

ޑަބްލިޔުއެޗްއޯގެ ގްލޯބަލް މެލޭރިއާ ޕްރޮގްރާމްގެ ޑައިރެކްޓަރު ޑރ. ޕެޑްރޯ އެލް.އެލޮންސޯ ވިދާޅުވީ ކޮވިޑް-19ގެ ނުރައްކަލާ ހެދި ސިއްހީ ގޮތުން ކުރަމުން އައި މަސައްކަތްތައް 20 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ.

ޓީބީ، އެޗްއައިވީ އަދި މެލޭރިއާ އަށް ސައިންސްވެރިންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުވީ ހަމައެކަނި ކޮރޯނާވައިރަހުގެ ސަބަބަކުން ނޫނެވެ. ގައުމުތައް ލޮކްޑައުން ކުރުމުގެ ސަބަބުންނެވެ. ޚާއްސަކޮށް އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާގެ ގައުމުތައް ލޮކްޑައުން ކުރުމުގެ ސަބަބުން ބަލިވާ މީހުން ޓެސްޓްކުރަން ދިއުމާއި ބޭސް ހޯދަން ހޮސްޕިޓަލުތަކަށް ދިއުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވި ކަމަށް ނިއުޔޯކް ޓައިމްސް ގައިވާ މި ރިޕޯޓަށް ދުނިޔޭގެ އެކި ހިސާބުތަކުން އިންޓަވިއު ކުރި ދެ ޑަޒަނެއްހާ ސިއްހީ އެހީތެރިންނާއި ޑޮކްޓަރުން އަދި ބަލި މީހުން ބުނެފައި ވެއެވެ.

ކޮރޯނާވައިރަހުގެ ބިރަށް ކްލިނިކްތައް ބަންދުކޮށްފައި ހުރުމަކީ ވެސް ޓީބީ، އެޗްއައިވީ އަދި މެލޭރިއާ ބަލި މީހުން ފަރުވާ ހޯދުމަށް ހުރަސްތަކާ ދިމާވި ކަމެކެވެ. އަދި ކަނޑުމަގުންނާއި ވައިގެ މަގުން އެއް ރަށުން އަނެއް ރަށަށް އެއް ރީޖަނުން އަނެއް ރީޖަނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ނުކުރެވުމަކީ ވެސް ފަރުވާ ހޯދަން ބޭނުންވެފައި ތިބި އެތައް ބަޔަކު ފަރުވާއިން މަހްރޫމް ވުމަށް މެދުވެރިވި ކަމެކެވެ.

ޓީބީ، އެޗްއައިވީ އަދި މެލޭރިޔާ ޖެހިފައިވާ 80 ޕަސެންޓް މީހުންނަށް ފާއިތުވީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބޭސް ހޯދުމާއި ފަރުވާ ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައި ވެއެވެ. އެޗްއައިވީ ޖެހިފައިވާ ކޮންމެ ހަތަރު މީހަކުން އެކަކަށް އެމީހުންނަށް ބޭނުންވާ ބޭސްތައް ލިބުމުގައި މައްސަލަތައް ކުރިމަތިވި ކަމަށް އދ.ގެ ކަމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. ފަރުވާއަށް ހުރަސްތައް ކުރިމަތިވުން، ފަރުވާ ލަސްވުން، ފަދަ ކަންތައްތައް ދިމާވުމުން ބޭސް އެމީހާއަށް ހޭނި އޭނާގެ ބައްޔަށް އެ ބޭސް ނުގުޑުން އެކަށީގެން ވެއެވެ. މިއީ މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި ދިމާވެފައިވާ މައްސަލަ އެކެވެ.

ދުނިޔޭގެ ޓީބީ ޖެހިފައިވާ މީހުންގެ އާބާދީގެ 27 ޕަސެންޓް ތިބީ އިންޑިޔާގަ އެވެ. އެ ގައުމުގައި މި ބަލި ޖެހޭ މީހުންގެ އަދަދު ދެނެގަނެވޭލެއް 75 ޕަސެންޓް ދަށްވެފައި ވެއެވެ. ރަޝިޔާގައި އެޗްއައިވީ ކްލިނިކްތައް ބަންދުކޮށް އެތަންތަން ވެސް ކޮރޯނާވައިރަހަށް ފަރުވާދޭ ތަންތަނަށް ވަނީ ބަދަލުކޮށްފަ އެވެ.

ހުޅަނގު އެފްރިކާގައި މެލޭރިއާ މޫސުން ފެށިއްޖެ އެވެ. ދުނިޔޭގައި މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ 90 ޕަސެންޓަކީ މި ސަރަހައްދުގެ މީހުންނެވެ. ނަމަވެސް މި ބަލިން ރައްކާތެރިވުމަށް ކުރަމުންދިޔަ ޕެސްޓިސައިޑް ސްޕްރޭ ކުރުމާއި މަދިރި ނުވަންނަ ގޮތަށް ދާ ދެމުމާއި އެނޫން ވެސް މިފަދަ ހުރިހާ ކަމެއް އޮތީ ހުއްޓިފަ އެވެ. ލޮކްޑައުންގެ ސަބަބުންނެވެ.

ކޮރޯނާވައިރަހުގެ ވަބާއިން އެންމެ އަވަސް ވެގެން ވެސް ދުނިޔެއަށް ސަލާމަތް ވެވޭނީ 10 ވަރަކަށް މަހުންނެވެ. މި މުއްދަތުގައި ޓީބީ ޖެހިފައިގެން 1.5 މިލިއަން މީހުން މަރުވާނެކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި އެޗްއައިވީ ޖެހިފައިވާ މީހުންނަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ނުލިބިގެން އޭގެ ތެރެއިން 500،000 މީހުން މިއަހަރު ތެރޭ މަރުވާނެ ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން އަންދާޒާ ކުރެ އެވެ.

ޑަބްލިޔުއެޗްއޯގެ އެހެން މޮޑެލް އެއް ބުނާ ގޮތުގައި މިހާރު ލަފާ ކުރެވިފައިވާ ގޮތަށް މި މައްސަލަ ގޯހުން ގޯހަށް ހިނގައްޖެނަމަ މެލޭރިޔާ ޖެހިގެން އެކަނިވެސް އަހަރަކު 770،000 މިހުން މަރުވާނެ އެވެ.

ބައެއް ސިއްހީ މާހިރުން ލޮލުން ފެންކަޅިވެފައި ތިބެ އިންޒާރު ދެއްވި ގޮތުގައި މިހާރު މިދާ ގޮތަކަށް ކަންތައްތައް ދާނަމަ ކޮރޯނާވައިރަހުގެ ސަބަބުން އެ ބޭފުޅުން އެތައް އަހަރަކުއްސުރެ ޓީބީ، އެޗްއައިވީ އަދި މެލޭރިއާ ކޮންޓްރޯލްކުރުމަށާއި ނައްތާލަން ކުރަމުން އައި ބުރަ މަސައްކަތްތައް ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަކަށް ވެގެން ދާނެ އެވެ.

މި ބަލިތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެންމެ ބޮޑަށް ފަންޑުކުރާ "ދަ ގްލޯބަލް ފަންޑް" އިން ލަފާ ކުރަނީ މި ލިބުނު ގެއްލުމުން އަރައިގަތުމަށް 28.5 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ. ނަމަވެސް މިއީ ލިބޭނެ ވަރުގެ އަދަދެއް ނޫނެވެ.

ކޮރޯނާވައިރަހުގެ ހަގީގީ އަސަރު އެންމެ ދަށު ފަންތީގެ ނިކަމެތި ފަގީރުންނަށް އަދި ކުރިޔަށް އޮތް ތަނުގައި މާ ބޮޑަށް ކުރާނެ ކަމަށް ވެސް މި ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ. މިއީ މިފަދަ ކަންތައްތައް މާޒީގައި ހިނގާފައިވާ ގޮތަށް ބަލާފައި ލަފާ ކޮށްފައިވާ ލަފާ ކުރުމެކެވެ.
މި ދިމާވި މައްސަލަތަކުގެ ފެށުމަކަށްވީ ކޮރޯނާވައިރަހުގެ ވަބާ ފެށުމު ފަހުން ޓީބީ، އެޗްއައިވީ އަދި މެލޭރިޔާ ޖެހޭ މީހުންގެ ބަލި ދެނެނުގަނެވުމެވެ. ބަލި ޖެހިފައިވާ މީހުން ދެނެ ނުގަނެވި ގިނަ ދުވަސް ވާ ވަރަކަށް އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި އަރާލެއް އިތުރުވަމުންދާނެ އެވެ. އެމީހުން އިންތިހާއަށް ބަލިވެ މަރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

މިއަހަރު ގިނަ އަދަދެއްގެ ބަޔަކަށް ބަލިޖެހި ބަލި ހުރިކަން ދަނެ ނުގެނެވި ހުރެއްޖެނަމަ އަންނަ އަހަރު މި ބަލި ޖެހޭ މީހުން އިތުރުވާނެ އެވެ. އަދި އަނެއް އަހަރު އެއަށް ވުރެ ގިނަ ވާނެ އެވެ.

މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އެތައް ލައްކަ ކްލިނިކެއްގައި ކުރަމުންދަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތެވެ. އެ ތަންތަނުން ކުރިން ކުރަމުން އައި ޓީބީ އާއި އެޗްއައިވީ އަށް ޓެސްޓްކުރުމުގެ މަސައްކަތްތައް ހުއްޓާލުމަށް ފަހުގަ އެވެ. މީގެ ނޭދެވޭ އަސަރު އިންސާނިއްޔަތަށް ކުރާނެ މިންވަރު ހީނުކުރާ ބޮޑެވެ.

ކޮވިޑް-19ގެ ވަބާ ފެތުރެން ފެށި ފަހުން އިންޑޮނީޝިޔާގައި އަލަށް ޓީބީ ޖެހުނުކަން އެނގުނު މިންވަރު 70 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ. މޮޒަމްބީގް އާއި ސައުތު އެފްރިކާގައި މިއަދަދު 50 ޕަސެންޓް ދަށް ވެއްޖެ އެވެ. ޗައިނާގައި 20 ޕަސެންޓް ދަށްވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ ބުނެ އެވެ. މީގެ މާނައަކީ މި ބަލިތައް ޖެހޭ މީހުން ހަގީގަތުގައި މަދުވީކީ ނޫނެވެ. އެ މީހުން ދެނެ ނުގަނެވި ތިބީ އެވެ. މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. ބަލި ހުރެ ދެނެ ނުގަނެވި ތިބި މީހުން އެމީހުން ދިރިއުޅޭ މާހައުލުގައި ކޮންމެވެސް ހާލެއްގައި އުޅޭނެ އެވެ. އަދި އެމީހުންގެ ވަށައިގެން ދިރިއުޅޭ އެންމެންނަށް މި ބަލި ބަހާނެ އެވެ. އަދި އެޗްއައިވީ އާއި ޓީބީ ޖެހިފައިވާ މީހުންނަށް އެކަށީގެންވާ މިންވަރަށް ބޭސް ނުލިބޭނަމަ އެމީހުންގެ ހަށީގަނޑު އެ ބޭހަށް ނުގުޑަން ފަށާނެ އެވެ. މިއީ އަދި މާ ބޮޑު ނުރައްކަލެކެވެ.