އާދަމް ޝަރީފު އުމަރު

"ކަންބޮޑުވާވަރު އެނގޭނީ ކޮވިޑް ނެތްނަމަ"

ރައީސް ޔާމީން ޖަލަށްލުމުން ރައްޔިތުން ކަންބޮޑުވާ މިންވަރު ރަނގަޅަށް އެނގޭނީ ކޮވިޑްގެ ހާލަތު ނެތް ނަމަ ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ރައްދު ދެއްވައިފި އެވެ.

އަވަސްއިން އިއްޔެ ގެނެސްދިން ހެނދުނުގެ ޝޯ "ފަށަމާ" ގައި މެހެމާނެއްގެ ގޮތު ބައިވެރިވެވަޑައިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވުން އޮތީ ރައީސް ޔާމީން މިނިވަން ނުވެގެން ނޫން ކަމަށެވެ. އެ މަނިކުފާނުގެ މައްޗަށް އައި ހުކުމާމެދު މެޖޯރިޓީ ރައްޔިތުންގެ ކަންބޮޑުވުމެެއް ނެތް ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަޣުލަބިއްޔަތު ދެކޭ ގޮތުގައި ކުރީ ސަރުކާރުން ހިންގި ހިޔާނާތަށް އަދިވެސް އިންސާފެއް ނުލިބެ އެވެ. އަދި ރައްޔިތުން ބޭނުންވަނީ އިންސާފެވެ.

"ތިޔަ ވިދާޅުވާ ފަންސާހަކަށް މީހުން ނުކުމެ ރަށްމެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތް ނާއިންސާފޭ ބުނާ މީހުންނަށްވުރެ މިއަދު ވެސް ރައީސް ޔާމީނަށް ހުކުމް ކުރެވޭނެ ކަމަށް ނުވަތަ އެއަށްވުރެ ގިނަ އަދަދަ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ގަބޫލުކުރާ މީހުން ރަށްމެދަށް އެއްވެލާށޭ ބުނެފި ނަމަ އަދަދު ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ،" އިދިކޮޅުގެ މުޒާހަރާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަފުޅަށް ރައްދު ދެއްވާ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން، ނުހައްގުން ޖަލަށް ލާފައިވާތީ އެމްޑީޕީގެ ބައެެއް މެންބަރުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލާފައި ވާތީ ރައްޔިތުން ކަންބޮޑުވާ މިންވަރުން ރަނގަޅަށް އެނގޭނީ ކޮވިޑްގެ ހާލަތު ނެތް ނަމަ ކަމަށެވެ.

"މިހާރު އެންމެން ބޭނުންވަނީ ގައުމުގެ ހާލަތު ބަދަލު ކުުރުމަށް ސަރުކާރުން ރައީސް ޔާމީންއާ މަޝްވަރާ ކުރައްވާ، އިގްތިސީދު ހަމަޔަކަށް އެޅުވުން،" މިނިސްޓަރު މާރިޔާއަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިނިވަން ދުވަހުގެ ރޭ ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އެ މުޒާހަރާތައް އީދު ބަންދަށް މެދުކަނޑާލީ ފަހުން ފަށާފައެއް ނުވެ އެވެ.

މިނިސްޓަރު މާރިޔާ އިއްޔެ ވިދާޅުވީ މިދިޔަ ފަސް އަަހަރުގައި ހިނގައިދިޔަ ކަންކަން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ. މުއައްސަސާތަކަށް ނުފޫޒު ފޯރުވާ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ކުރީ ސަރުކާރުން ހިންގި ކަންކަމަށް އިންސާފު ގާއިމްވާތަން ދެކެން ރައްޔިތުން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަދިވެސް އިންސާފު ނުލިބޭ ކަމަށް ރައްޔިތުން ބުނަމުން ދަނީ،"