ރައީސް އަބްދުﷲ ޔާމީން

"ޔާމީން މާލެ ގެނައީ އާއިލާއާ ވަކީލުންނަށް ނާންގާ"

ކޮވިޑް-19 އިގެ ވެކްސިން ޖެެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ކުއްލި ގޮތަކަށް މާލެ ގެންނެވީ އާއިލާ އާއި ގާނޫނީ ވަކީލުންނަށް ވެސް ނާންގާ ކަމަށާ އެކަން އެގޮތަށް ކުރުމުން ސުވާލުތައް އުފެދޭ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވެގެން ކޮވިޑް ވެކްސިން ޖެއްސެވުމަށް ރޭ މާލެ ގެނެސް ދެއްވި ކަމަށެވެ. ނަމަވެސް މާލެ ވަޑައިގެންނެވި ފަހުން ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވުމާއި ގުޅިގެން އަނބުރާ މާފުށްޓަށް ގެންދެވީ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ވެކްސިން ޖެއްސެވުމަށް ރޭ 9:45 އެހާކަންހާއިރު ރައީސް ޔާމީން މާލެ ގެންނަވައި އޭޑީކޭއަށް ގެންދެވުނެވެ. އެކަމަކު ހޮސްޕިޓަލަށް ވަޑައިގަތުމަށް ފަހު ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު އިންކާރު ކުރެއްވީ އެވެ. ނަމަވެސް އޭގެ ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ އިސް ވަކީލް، ޖަމީލް ވިދާޅުވީ ރައީސް ޔާމީނާ ހަމައިން ސަރުކާރުން އަމަލު ކުރަނީ ލާއިންސާނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ކުއްލިއަކަށް ރޭ މާލެ ގެންނެވި އިރު އާއިލާއާ ވަކީލުންނަށް ނޭނގީ ކީއްވެ؟ މި މާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ގޮވާލަން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މިހެން ވިދާޅުވި ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގަައި ރައީސް ޔާމީން މާލެ ގެންނެވުމުގެ ކުރިން އެމަނިކުފާނަށް ވަނީ އާއިލާ ގުޅުއްވުމަށްވެސް ފުރުސަތު ދެއްވާފައެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް-އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިނާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ބޭނުންވެވަޑައިގަންނަވާ ވެކްސިނެއް އިހްތިޔާރު ކުރެއްވުމަށް ފުރުސަތު ވެސް އެ މަނިކުފާނަށް ދެއްވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ކޮވިޑް-19 އިގެ ވެކްސިނުގެ ފުރަތަމަ ޑޯޒް ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. މާލެ އަދި ހުޅުމާލެ ޖަލުގައި ތިބޭ ހުރިހާ ގައިދީންނަށް މި ޕްރޮގްރާމުގެ ދަށުން މިހާރު ވަނީ ވެކްސިން ދީފަ އެވެ.