ދުނިޔެ

އިންޑިއާގައި މުސްލިމަކަށް އަނިޔާ ކޮށްފި

Aug 10, 2020
1

އިންޑިޔާގެ ރާޖަސްތާނުގައި އޮޓޯރިކްޝާ ދުއްވާ 52 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ. އެ މީހާއަށް އަނިޔާ ކުރީ ހިންދޫން ކިޔައި އުޅޭ ދީނީ ބަނދިވަރެއް ކަމަށްވާ "ޖައި ޝްރީ ރާމް" ކިޔަން ދެކޮޅު ހެދުމުންނެވެ.

ގައްފާރް އަހުމަދު ކަޗްވާ ނަމަކަށް ކިޔާ މީހާއަށް މިދިޔަ ހުކުރު ދުވަހު ބަޔަކު އަނިޔާ ކުރުމުން މިހާރު އޭނާ ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި މި ހާދިސާ އާ ގުޅުން ހުރި ދެ މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ވެއެވެ. ގައްފާރް ބުނި ގޮތުގައި އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އަތުގައި ހުރި ފައިސާތަކާއި އަތުކުރި ގަޑި ވެސް މި މީހުން ވަނީ ފޭރިގަނެފަ އެވެ.

ސިކަރް ނަމަކަށް ކިޔާ އަވަށުގައި ދިރިއުޅޭ މި މީހާ ހުއްޓުވީ ކައިރީ އަވަށަކަށް ފަސިންޖަރުން ގޮވައިގެން ދަތުރެއް ކޮށްފައި ދިޔަ މަގުމަތީގަ އެވެ. އޭނާ ހިފެހެއްޓި މީހުން ބުނީ "ޖައި ޝްރީ ރާމް" ކިޔުމަށާއި ބޮޑުވަޒީރަށް ސަނާ ކިޔުމަށެވެ. އޭނާ ބުނާ ގޮތުގައި އޭނާއަށް އަނިޔާކުރި މި ދެ ކަންތައް ނުކޮށްގެންނެވެ.

އަނިޔާ ކުރުމުގެ ސަބަބުން ގައްފާރްގެ ދެ ތިން ދަތް ބިންދައިގެން ގޮސް ދެ ލޮލާއި މޫނު ވަނީ ވަރަށް ބޮޑަށް ދުޅަވެ އަނިޔާ ވެފަ އެވެ.
ގައްފާރަށް ބޮޑުބޭބެ ކިޔާ މީހަކު ބުނި ގޮތުގައި ހުކުރު ދުވަހު ހަވީރު އޭނާގެ ބޭބެ ކައިރި އަވަށަކަށް ފަސިންޖަރުންތަކެއް ލައިގެން ދަތުރެއް ކޮށްފައި އެނބުރި ދަނިކޮށް ކާރެއްގައި އައި ދެމީހަކު މަގުމަތިން އޭނާއަށް ހުރަސް އަޅާ ހުއްޓުވައި ދުންފަތް ދޭށޭ ބުންޏެވެ.

"ބޮޑުބޭބެ އެ މީހުންނަށް ދުންފަތްކޮޅެއް ދިނީމަ އެޔެއް ނުހިފި. ދެން ބުނީ ހިންދޫން ކިޔާ ބަނދިވަރު ކިޔާށޭ. އަދި ބޮޑުވަޒީރަށް ސަނާ ކިޔާށޭ،" ގައްފާރަށް ބޮޑުބޭބެ ކިޔާ ޝާހިދު، އިންޑިއަން އެކްސްޕްރެސް އަށް ބުނެފައި ވެއެވެ.

ގައްފާރް ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހުން އޭނާއަށް ހިފަހައްޓައި އަނިޔާކުރަން ފެށުމުން ދުވެ ފިލަން ވެސް އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް ދުއްވައިގަތީމަ އެމީހުން ފަހަތުން އައިސް ހިފަހައްޓާ ބިން މައްޗަށް ވައްޓާލާ އަނިޔާ ކުރީ އެވެ.