ލައިފްސްޓައިލް

ދަރިފުޅު މަރުވުމުގެ ކުރިން ބައްޕާއާއެކު ނެގި ފޮޓޯ

ޑުބާއީގައި ވަޒީފާ އަދާކުރާ މުރްތަޒާ ފައިސަލް އޭނާގެ ކުޑަ ކުޑަ އަންހެންދަރިފުޅު އައިޝާ ދުއާ އުރާލައިގެން އޮގަސްޓް 7 ވަނަ ދުވަހު ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ނެގި ފޮޓޯއަކީ އޭނާގެ މުޅި ހަޔާތަށް ވެސް އެ ފޮޓޯއިން ވަރަށް ބޮޑު އަސަރެއް ކޮށްފާނެ ފޮޓޯއެއް ކަމެއް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެ އެވެ. އަދި މިއީ ދަރިފުޅާ އޭނާ ބައްދަލުވާނެ ފަހު ފަހަރެއް ވެދާނެ ކަމަކަށް ވެސް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެ އެވެ.

ކުޑަ ކުޑަ އައިޝާ އެ ދުވަހު އޭނާގެ މަންމަ އާއެކު ޑުބާއީ އިން އަމިއްލަ ގައުމަށް ދާން ފުރަން އެރުނީ އިންޑިޔާގެ ކޮޒިކޮޑޭ އެއާޕޯޓަށް ވެއްޓުނު މަތިންދާބޯޓަށެވެ. އަދި ބޯޓު ވެއްޓުނު ހާދިސާގައި ދެ އަހަރުގެ އައިޝާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

އިންޑިޔާއަށް ދިއުމަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރަން ދަމުން ގަލްފް ނިއުސް އަށް ދިން އިންޓަވިއު އެއްގައި މުރްތަޒާ، 31، ރޮމުން ރޮމުން ބުނީ އޭނާ ހިފަހައްޓަން އުޅުނަސް އޭނާގެ ލޮލުން ކަރުނަ އެއްގޮތަކަށް ވެސް ނުހިފެއްހެއްޓޭ ކަމަށެވެ. ދަރިފުޅުގެ ހަނދާންތައް އޭނާގެ ހިތަށް ބަޔާން ނުކުރެވޭވަރުގެ އަސަރެއް ކޮށްފައިވާ ކަމަށެވެ.

ޓެލެކޮމް ޕްރޮޑަކްޓްސް ވިއްކާ ކުންފުންޏެއްގައި ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ މުރްތަޒާ ބުނި ގޮތުގައި އޭނާގެ އަންހެނުން ސުމައްޔާ ތަސްނީމް، 27، މަރު ނުވިޔަސް އޭނާގެ ހާލު ވެސް ވަރަށް ބޮޑެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ އަންހެނުންނަށް އަދި ދަރިފުޅު މަރުވިކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ބުނިން އަންހެނުން ކައިރީ ދަރިފުޅު އޮތީ އެހެން ހޮސްޕިޓަލެއްގައޭ. ރަނގަޅޭ ދަރިފުޅުގެ ހާލު. އޭނާ އަވަހަށް ރަނގަޅު ވޭތޯ މަސައްކަތް ކުރާށޭ،" މުރްތަޒާ ބުންޏެވެ.

މުރުތަޒާ ބުނި ގޮތުގައި އަންހެނުންނާއި ދަރިފުޅު ޑުބާއީއަށް އޭނާ ކައިރިއަށް ދިޔައީ މާޗް 1 ވަނަ ދުވަހު ވިޒިޓް ވިސާ ގައެވެ.

"އަހަރެމެން ނިންމީ އޮގަސްޓްގައި އެންމެން އެއްކޮށް އިންޑިޔާ އަށް ދާން. ނަމަވެސް ޚާއްސަ ފްލައިޓެއް ބޭއްވީމަ އެ ދެ މައިން އަވަހަށް ފޮނުވަން އަހަރެން ގަސްތުކުރީ،" މުރުތަޒާ ބުންޏެވެ.

މުރުތަޒާ ބުނި ގޮތުގައި ދަރިފުޅުގެ ހަނދާންތައް އޭނާގެ މުޅި ހަޔާތަށް އަސަރުކުރާނެ އެވެ. އަދި ދުވަހަކުވެސް މި ބިރުވެރި ހާދިސާގެ ހަނދާންތަކާ އޭނާއަށް ދުރެއް ނުވެވޭނެ އެވެ.

"އަންހެނުން ރަނގަޅުވޭތޯ ދުއާ ކުރަން. އޭރުން އަނެއްކާވެސް ދެ މީހުން ވެގެން އާ ދިރިއުޅުމެއް ފެށޭތޯ މަސައްކަތް ކުރާނީ،" މުރުތަޒާ ބުންޏެވެ.