ބޭރު ކުޅިވަރު

ބްލެޓާ ސަސްޕެންޑްކޮށްފި

Oct 7, 2015

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ސެޕް ބްލެޓާ ތިން މަސްދުވަސްވަންދެން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުން 1998 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ އުމުރުފުޅުން 79 އަހަރުގެ ބްލެޓާ އެޖަމާއަތުން އެތިކްސް ކޮމިޓީން ސަސްޕެންޑްކުރީ އޭނާ އާއި ފީފާގެ އިސްވެރިންނާމެދު ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތްތަކުގެ ތަހުގީގު ހިނގަމުންދާތީ އެވެ. އަދި އޭނާ ސަސްޕެންޑްމިކުރީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ ޖޫން މަހު ހޮވިވަޑައިގެންވިތާ ތިން ދުވަސް ފަހުން އިސްތިއުފާ ދެއްވާނެ ކަމަށާއި އަންނަ ފެބްރުއަރީ މަހު އާ ރައީސަކު ހޮވަން އިންތިހާބު ބާއްވާނެކަން އިއުލާނުކުރައްވާފައިވަނިކޮށެވެ. ބްލެޓާ ވަނީ އޭގެ ފަހުން ފީފާ އިސްލާހު ކުރެއްވުމަށް އިސްލާހީ އެޖެންޑާއެއް އެކުލަވާލައި އޭގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.

ނަމަވެސް ބްލެޓާގެ ހާއްސަ މުޝީރު ބުނީ އެތިކްސް ކޮމިޓީގެ ވެސް ވެރިމީހަކީ ބްލެޓާ ކަމަށާއި މި ނިންމުން އިއުލާނުކުރީ ބްލެޓާއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިއީ ވަގުތީ ނިންމުމެއް ކަމަށާއި ރަސްމީ ސިފައެއްގައި ބްލެޓާ ސަސްޕެންޑްނުކުރާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ފިފާގެ އެތެރެ އާއި ބޭރުން ވަނީ ފިއްތުންތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ކޮންކަމެއްކަން ނޭނގޭ ކަމަކަށް 1.5 މިލިއަން ޕައުންޑް ދިނުމުގެ މައްސަލާގައި ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް ވަނީ ބްލެޓާގެ މައްޗަށް ކްރިމިނަލް ދައުވާ އެއް ވެސް އުފުލާފަ އެވެ. ނަމަވެސް އޭނާ ވިދާޅުވަނީ މަގާމުން އސްތިއުފާ ނުދެއްވައި ފެބްރުއަރީ މަހާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށާއި އޭނާ އެއްވެސްއިރަކު ގޯސްކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން މިދިޔަ ޖޫން މަހުން ފެށިގެން ބްލެޓާ ގައުމުން ބޭރަށް ވަޑައިގެންފައެއްނުވެ އެވެ. އެއީ ޖޫންމަހު އޮތް ފީފާގެ އިންތިހާބަށް ސްވިޒަލޭންޑަށް އެ ޖަމާއަތުގެ އިސްވެރިން ވަޑައިގެންނެވި ފަހުން ހައްޔަރުކޮށްފައިވާތީ އެވެ.