ބަރެސްދޫ

ބަރެސްދޫ މަޝްރޫއު އަލުން ފަށަނީ

Aug 11, 2020
1

އިންވެސްޓަރާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) އެއް ހަދައިގެން، ލ. ބަރެސްދޫ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ބަރެސްދޫ މަޝްރޫއު ހިންގަން ސަރުކާރުން އުފެއްދި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޝްރޫއު ދޫކޮށް ނުލައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދަން ގާނޫނީ ހުރަހެއް ވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި އޭނާ ވިދާޅުވި ގޮތުގައި ބަރެސްދޫ މަޝްރޫއު ކުރިއަށް ގެންދަން ލޯނެއް ނެގުމުގެ ވިސްނުމެއް އެ ކުންފުނީގައި ނެތެވެ.

"އިންވެސްޓަރަކާ އެކީގައި ޖޮއިންޓް ވެންޗާ އުސޫލުން އެ ބޭފުޅުންގެ 100 ޕަސެންޓް އިންވެސްޓްމަންޓެއްގެ ގޮތުގައި ބަރެސްދޫ ޕްރޮޖެކްޓް ޑިވެލޮޕް ކުރަން މަޝްވަރާ ކުރަނީ،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރެސްދޫ މަޝްރޫއު ހިންގަން ކުރީގެ މެނޭޖުމަންޓް ތަކުން އިންވެސްޓަރުންގެ އަތުން ނަގާފައިވާ ސްލޮޓް ބުކުން ފީ ދައްކަން ކޯޓުން ކޮށްފައިވާ އަމުރާއެކު އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށެވެ.

"ފައިސާ ދައްކަން މިނިސްޓްރީ އޮފް ފައިނޭންސުން ވެސް އެއްބާރުލުން އެބަ ދެއްވާ. މި ފައިސާ ދައްކަން ޖެހެނީ ޑޮލަރުން. ޑޮލަރު ހޯދަން ވަރަށް ދަތި. ޑޮލަރު ހޯދައިގެން ފައިސާ ދެއްކުމުގެ މަސައްކަތް ވާނީ ފަށާފައި. މި ފައިސާއަކީ ކުރީގެ މެނޭޖުމަންޓުތަކުން ފޮޓޯ ދައްކައިގެން ނެގި ފައިސާ. މި މެނޭޖުމަންޓުން އެފަދަ ކަމެއް ކޮށްފައެއް ނޯންނާނެ ހަމަ ޔަގީނުން ވެސް،" ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. ލ. ބަރެސްދޫގައި ހިންގަން އިއުލާނު ކުރި އިންޓަގްރޭޑެޓް ޓޫރިޒަމްގެ މި މަޝްރޫއުގެ ދަށުން 25 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެސްޓްހައުސް އަޅަން ނިންމާފައިވެ އެވެ. މީގެ އިތުރުން މޫދު ކޮޓަރި ހިމެނޭ ގޮތަށް 100 އެނދުގެ ހޮޓަލެއް އަޅަން ވެސް ޕްރޮޖެކްޓުގައިވެ އެވެ.