މިދިޔައަހަރު ޑިސެމްބްރު މަހު ޗައިނާގެ ރާޑަރަށް ކޮވިޑް-19 އެރީއްސުރެ، މި ބަލި ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ. މިއީ މިއަހަރު ފެށުނީއްސުރެ ދުނިޔެ ކުދި ބޮޑު ހުރިހާ ގައުމަކުން އަވަސް ހައްލެއް ހޯދޭތޯ މަސައްކަތް ކުރަމުންދާ މައްސަލައެވެ. މިއަހަރު މާރިޗްމަހު 12 ވަނަދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 އަކީ "ޕެންޑަމިކެއް" ގެ ގޮތުގައި ކަނޑައެޅީއްސުރެ، މުޅި ދުނިޔޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިސް، އިންސާނުންގެ ދިރިއުޅުމާ ގުޅުންހުރި އެތަށް ކަމަކަށްވަނީ ބުރޫއަރާފަ އެވެ.
ޖޯންސް ހޮޕްކިން ޔުނިވަރުސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ އާބާދީގެ 17.2 މިލިޔަނަށްވުރެ ގިނަ މީހުންނަށް މިބަލިޖެހި، 10 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިން ޝިފާ ލިބިފައިވާއިރު، ހަތްލައްކަ އައްވުރެގިނަ މީހުން ވަނީ މަރުވެފައެވެ.
ދުނިޔޭގެ މަސަތްކަތް ތެރިންގެ ޖަމްއިއްޔާ އައިއެލްއޯ އިން ލަފާ ކުރާގޮތުގައި، ބަލިން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅުތަކާ ގުޅިގެން، ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުންހުރި ވަޒީފާތަކުގެ 81 ޕަސެންޓް މީހުންގެ ވަޒީފާ (ގާތްގަޑަކަށް 101 މިލިޔަން ވަޒީފާ) ވަނީ ގެއްލިފަ އެވެ. ސަރަހައްދީ ނިސްބަތުން އެންމެގިނަ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކޮށްފައި ވަނީ، ރާއްޖެ ހިމެނޭ އޭސިއާ ޕެސެފިކް ސަރަހައްދެވެ. މި ސަރަހައްދުން 63.4 މިލިޔަން ވަޒީފާ ގެއްލޭނެ ކަމަށް ބެލެވޭއިރު 13 މިލިޔަން ވަޒީފާ ޔޫރަޕް ސަރަހައްދުން ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާއިން ލަފާ ކުރާ ގޮތުގައި މި އަހަރު ނިމޭއިރު ދުނިޔޭގެ ފަތުރުވެރިކަން 78 ޕަސެންޓަށް ދައްވުމުގެ ސަބަބުން 1.2 ޓްރިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހި، މި ސިނާއަތުގެ 120 މިލިއަން ވަޒީފާ ގެއްލިގެން ދާނެ އެވެ. މިއީ މިހާތަނަށް ދުނިޔެ ކުރިމަތިލާ އެންމެ ބޮޑު އިގްތިސޯދީ ކާރިސާ އެވެ.
ދިވެހިރާއްޖޭގެ އިގްތިސޯދުގެ 80 ވަރަކަށް ޕަސެންޓް ބަރޯސާ ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމުން، މި ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެ ހިމެނޭނީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ބޮޑު ގެއްލުމެއް އިގްތިސޯދަށް ކުރާނެ ގައުމުތަކުގެ ލިސްޓުގެ ކުރީގަ އެވެ.
ކޮވިޑުގެ ސަބަބުން ދުނިޔޭގައި ދަތުރުފަތުރު ކުރާ ގިނަ ފަންތިތަކާއި ގިންތިތަކުގެ މީހުންގެ ހިތުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. މި ބަލި ޖެހި ތިމާގެ ފުށުން އާއިލާއަށް ޖެހިދާނެކަމުގެ ބިރުވެރި ކަމެވެ. ކޮންމެހެން ޒަރޫރީނޫން ހަރަދެއް ކުރުމުން ފަހުން ބޭނުމެއް ޖެހިއްޖެނަމަ ހަރަދު ކުރާނެ ފައިސާއެއް ނުލިބިދާނެ ކަމުގެ ބިރުވެރި ކަމެވެ. ބޭރުގައުމެއްގައި ކަރަންޓީނު ވާންޖެހި ގައުމަށް ނުދެވި ހާލުގައި ޖެހިދާނެ ކަމުގެ ބިރުވެރި ކަމެވެ. ދެވަނަ ފަހަރަށް ބޯޑަރު ބަންދުކޮށް އެތައް ދުވަހަކަށް ގައުމުން ބޭރުގައި ހުންނަން ޖެހިދާނެކަމުގެ ބިރުވެރިކަމެވެ. ހީނަރުވަމުންދާ އިގްތިސޯދުގެ ސަބަބުން އަދާކުރަމުންދާ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެމަގު ބަންދުވެދާނެ ކަމުގެ ބިރުވެރިކަމެވެ. ދަތުރުފަތުރު ކުރާ ވަސީލަތްތަކުގެ ތެރެއިން ރައްކާތެރި ވަސީލަތަކީ ކޮބައިކަން ކަށަވަރު ނުވުމުގެ ބިރިވެރިކަމެވެ. މިފަދަ އެތަށް ބިރުވެރި ކަމެކެވެ.
ކޮވިޑުގެ ކުރިން ސްޕޭނަށް ދަތުރުކުރާ ފަތުރުވެރިންގެ 20 ޕަސެންޓަކީ އިނގިރޭސިން ކަމަށްވިޔަސް، މިހާރު ސްޕެއިނުން އެނބުރި އަންނަ ކޮންމެ ފަތުރުވެރިޔަކު ދެ ހަފުތާއަށް ކަރަންޓީނު ވާންޖެހޭތީ، ސްޕޭނަކީ އިނގިރޭސިންގެ ޝައުގުވެރި ލިސްޓުގައި ހިމެނޭ ގައުމެއް ނޫނެވެ. ސްޕޭނުގެ އިގްތިސޯދުގެ 12 ޕަސެންޓް ފަތުރުވެރިކަން ހިއްސާކުރާއިރު މިއަހަރު ޖޫންމަހުގެ ނިޔަލަށް އެ ގައުމުގެ ހޮޓާތަކުގެ އޮކިއުޕަންސީ ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ. މީގެ ސަބަބުން ހަފުތާއަކު ފަސް ބިލިޔަން ޔޫރޯގެ ގެއްލުމަކާ ކުރިމަތިލާއިރު، ސާޅީސް ހާހަށްވުރެ ގިނަ ހޮޓާ ރެސްޓޯރަންޓް، ބާ / ކެފޭ ވަނީ ބަނގުރޫޓުވެ ބަންދު ކުރަން ޖެހިފައެވެ. އަދި ކޮވިޑުގެ ދެވަނަ ރާޅެއް އަތުވެއްޖެނަމަ އިތުރު އައްޑިހަ ފަސްހާސް ތަނެއް ބަނގުރޫޓް ވުމުގެ ބިރު އެބައޮތެވެ.
އިޓަލީގެ އިގްތިސޯދުގައި ފަތުރުވެރިކަން ހިއްސާ ކުރަނީ 13 ޕަސެންޓް ކަމުގައި ވިޔަސް މި އަހަރު މިހާތަނަށް ފަތުރުވެރިކަން ވަނީ 80 ޕަސެންޓް ދައްވެފަ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން އިޓަލީގެ ބޯޑަރު ހުޅުވާފައި ވިޔަސް މި މޫސުމުގައި އިޓަލީއަށް ޒިޔާރަތް ކުރާނެ މީހުންގެ ނިސްބަތްވަނީ 80 ޕަސެންޓް ދައްވާނެ ކަމަށް ބެލެވިފައެވެ.
ކްރޮއޭޝިޔާގެ އިގްތިސޯދުގައި ފަތުރުވެރިކަން 20 ޕަސެންޓް ހިއްސާ ކުރިއަސް މިހާރުވަނީ ފަތުރުވެރިކަން ވަނީ 50 ޕަސެންޓް ދައްވެފައެވެ. އެހެންކަމުން އެގައުމު މިހާރު ތަހައްމަލު ކުރަމުންދަނީ، 1991 ވަނައަހަރު މިނިވަންކަން ލިބުނުފަހުން ދިމާވި އިގްތިސާދި އެންމެ ހީނަރު ދުވަސްތަކެވެ.
މިދިޔަ އަހަރު ޕޯޗުގަލްއަށް ދެ މިލިޔަން އިގިރޭސި ފަތުރުވެރިން ޒިޔާރަތްކުރިއަސް މި އަހަރުގެ މިހާތަނަށް އެ ގައުމަށް ދަތުރުކުރީ އެންމެ 92,000 އިގިރޭސި ފަތުރުވެރިންނެވެ. އެހެންކަމުން ވަޒީފާ ގެއްލިފައިވާ މީހުންގެ ނިސްބަތްވަނީ 231 ޕަސެންޓަށް އަރާފައެވެ.
ޖަރުމަނާއި، ފްރާނަސް އަދި އިގިރޭސި ވިލާތުގެ ހާލަތުވެސް ހުރީ ހަމަ މިކަހަލަ ގޮތަކަށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސޯދު ކަމަށްވާ އެމެރިކާ، އަދި އަވައްޓެރި އިންޑިޔާގެ ހާލަތު އަދި އުޅެނީ އަންދާޒާ ކުރެވޭވަރަށް ވުރެވެސް ދަށުގަ އެވެ.
ދިވެހިރާއްޖެއިން މިހާރު ވެސް މި ސިނާއަތުން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް ވިޔަފާރިއެއް ބަންދު ކުރަން ޖެހިފައިވާއިރު، ދިވެހިރާއްޖެ އަށް ފަތުރުވެރިން އަންނަ މޭޖާ މާކެޓްތަކުގެ އިގްތިސޯދު ހީނަރުވެފައި ވުމުން އިގްތިސޯދަށް ކުރާނެ އަސަރު ނިސްބަތުން ބޮޑުވާނެކަމީ ކަށަވަރު ކަމެކެވެ. މި ބަލިމަޑުކަމުގެ ހީނަރުކަން 2022 ވަނަ އަހަރާ ހަމަޔަށް ދެމިގެން ހިގައިދާނެ ކަމަށް މިހާރު ބެލެވިފައިވާއިރު، މިއަހަރު މާޗް މަހުން ފެށިގެން ފާއިތުވި ހަތަރުމަހު، ސަރުކާރުގެ ރިކަރަންޓް ހަރަދުތަށް ފުއްދުމަށް ހަތަރު ބިލިޔަން ރުފިޔާ ޗާޕްކޮށްފައި ވާކަމީ މިބަލިމަޑުކަމުގެ ގެއްލުން ރާއްޖެއަށް ކުރާނެ މިންވަރުގެ ކުޑަ ތަސައްވުރެކެވެ.
މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އަވަހަށް ބޯޑަރު ހުޅުވާލައި ޓޫރިސްޓުންނާއި އިންވެސްޓަރުން ގެނެސް އިގްތިސޯދު ރަނގަޅު ކުރުމަށް މަސައްކަތްކުރި ގިނަ ގައުމުތަކާ ދެކޮޅަށް ވަރުގަދަ ބަދަލު ހިފުމަކާއެކު މި ވައިރަސް ވަނީ އެނބުރި އައިސްފަ އެވެ. މިފަދަ ގިނަ ގައުމުތަކުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ސިފަވަނީ، ދިގު މުއްދަތުގެ ހައްލަކަށްވުރެ ވަގުތީ ފައިދާއެއް ނުވަތަ ލިބިފައިވާ ބާރެއް ނަހަމަ ގޮތުގައި ހިފުމަށް މި ފުރުސަތުގެ ބޭނުން ކުރަނީ ކަމަށެވެ.
މިސިނާއަތުގެ ކުރިމަގު ބިނާވާނީ މަދުވެގެން ތިން ލެވެލެއްގައި ގުޅިގެން ކުރެވޭ ކަންކަމުގެ މައްޗަށެވެ. ޓޫރިޒަމްގައި އިންވެސްޓް ކޮށްގެންތިބި ނުވަތަ އިންވެސްޓްކުރާ އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ޕްރޮޑަކްޓް ތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް، އާ ކަންކަން ތައާރަފުކޮށް "ޓޯޓަލް އެކްސްޕީރެންސް" ރަނގަޅު ކުރުމަށް ކުރެވޭ ކުރު، މެދު އަދި ދުރު ރާސްތާ މަސައްކަތުގެ މައްޗަށެވެ. މި ހިނދަށާއި މުސްތަގުބަލަށް އަމާޒު ކޮށްގެން ސަރުކާރުގެ ސިޔާސަތަށް ގެނެވޭ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. މިސިނާއަތް އަލުން އާރާސްތުކޮށް، އެތެރޭގެ މަސްލަހަތާއި ބޭރުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެކުލަވާލެވި ތަންފީޒުކުރަން ފެށޭ ގަވާއިދާއި ޕޮލިސީ ތަކުގެ މައްޗަށެވެ. ސަރުކާރުން ދޭދޭ ގައުމުތަކާއިމެދު ގުޅުންއުފައްދާ، އެގުޅުން ދަމަހައްޓާ ހަރުދަނާކުރުމަށް ގެންގުޅޭ ސިޔާސަތުގެ މައްޗަށެވެ. އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މިސިނާއަތް މުޅިދުނިޔެއަށް ދެއްކުމަށާއި، ޔަގީންކަމާއި އިތުބާރު އުފެއްދުމަށް ހިންގޭ އިޝްތިހާރާއި، ޕްރޮމޯޝަނާއި، މާކެޓިން ކެންޕޭންތަކުން ނުކުންނަ ނަތީޖާގެ މައްޗަށެވެ.
މިސިނާއަތް އަލުން އާރާސްތުކޮށް ފަތުރުވެރިންގެ މަގްބޫލުކަން ހޯދާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު އުފެއްދުމަށް އާ އީޖާދީ އުފެއްދުންތަކުގެ ބޭނުންކޮށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ދެފުށް ފެންނަ ހަރުދަނާ ސްޓްރެޓެޖިކް މަގުޗާޓަކާނުލާ، އިޚްލާސްތެރި ކަމެއްނެތި ކުރެވޭ މަސައްކަތް ތަކަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމަށް ކުރެވޭނީ ފަނޑު އުންމީދެކެވެ.