ލައިފްސްޓައިލް

އިންޑިޔާ ބޯޓު ވެއްޓުން: ދެ ލޯބިވެރިއެއްގެ ވާހަކައިގެ ނިމުން

ޑުބާއީ އިން އިންޑިޔާގެ ކެރެލާގެ ކޮޒިކޮޑޭ އަށް ދަތުރުކުރި މަތިންދާބޯޓެއް ހުކުރު ދުވަހު ވަނީ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް ކަހާލައިގެން ގޮސް ވެއްޓި އެތައް ބަޔަކު މަރުވެފަ އެވެ. މި ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި އެކަކީ ޑުބާއީގައި ވަޒީފާ އަދާކުރަމުން ދިޔަ މުހައްމަދު ރިޔާސެވެ.

އަހަރު ދުވަހަށް ފަހު ރިޔާސް އެނބުރި އޭނާގެ ގައުމަށް ދަތުރުކުރީ ވަރަށް ފޮނި ހުވަފެން ތަކަކާ އެކުގަ އެވެ. ކޮލެޖުގައި ކިޔެވި ދުވަސްވަރުން ފެށީގެން އޭނާ ލޯބި ވެގެން އުޅުނު ލޯބިވެރިޔާ ކައިވެނި ކުރުމުގެ ފޮނި އުންމީދުގަ އެވެ. އޭނާ އިންޑިޔާއަށް ދަތުރު ކުރަމުން ދިޔައިރު އާއިލާއިން ދިޔައީ އޭނާގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ރިޔާސް، 24، ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އޭނާއަށް ވުރެ ޖޫނިއާ ކޮށް ހަމަ އެ ކޮލެޖުގައި ކިޔަވަމުން ދިޔަ ހާނިޔާ އާއެވެ.
އައިޑިއަލް ކޮލެޖުގައި ބެޗްލާޒް ޑިގްރީއަށް ކިޔަވަމުން ދިޔައިރު ރިޔާސް އަކީ އެ ކޮލެޖުގެ އެންމެ މަޝްހޫރު ދަރިވަރެވެ. ސްޓޫޑަންޓް ޔޫނިއަންގެ ޗެއާމަނެވެ. އޭނާ އާއި ހާނިޔާގެ ލޯބީގެ ވާހަކަ ރިޔާސް އޭނާގެ އާއިލާ އާ ހިއްސާ ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޑުބާއީން ވަޒިފާއެއް ހޯދަން ފުރަތަމަ ދިޔައިރު އާއިލާއަކަށް އޭނާ އާއި ހާނިޔާ ރައްޓެހިވެގެން އުޅޭ ކަމެއް ނޭނގެ އެވެ. ވަޒީފާ ހޯދުމަށްފަހު ރިޔާސް އެނބުރި އިންޑިޔާ އަށް އައިސް ވަޒިފާ އަދާކުރަން ދިއުމުގެ ކުރިން އޭނާ ވަނީ ހާނިޔާ އާއި އާއިލާގެ މީހުންނާ ބައްދަލު ކުރުވާފަ އެވެ. އަދި މީގެ އަހަރެއްހާ ދުވަސްކުރިން ދެފަރާތުގެ އާއިލާ އިން ބައްދަލުކޮށް އެއް އަހަރު ފަހުން ޗުއްޓީގައި ރިޔާސް އެނބުރި އަންނައިރަށް ކައިވެނީގެ ހުރިހާ އިންތިޒާމްތަކެއް ކުރަން އެއްބަސްވި އެވެ.

އޭރުން ފެށިގެން ވެސް ރިޔާސް އާއި ހާނިޔާގެ އާއިލާގެ މެދުގައި ގާތް ގުޅުމެއް އުފެދިފައި ވެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކޮށް ގުޅުން ބަދަހިކޮށް ކައިވެނީގެ ކަންތައްތައް ވެސް ދިޔައީ ހަމަޖައްސަމުންނެވެ. ހާނިޔާ އާއި ރިޔާސްގެ ކައިވެނި އަސްލު ކުރަން އޮތީ މީގެ އެތައް މަހެއް ކުރިންނެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ރިޔާސް އަށް އިންޑިޔާއަށް އާދެވޭނެ ގޮތެއް ނެތުމުން މިހާތަނަށް ވެސް ފަސް ވެފައި އޮތީ އެވެ.

މިމަހު ރިޔާސް އަށް އާދެވޭނެ ކަން އެނގުމުން ޖުލައި 14 ވަނަ ދުވަހު ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ކައިވެނި މިމަހު ކުރާ ގޮތަށް ހަމަޖައްސައި އިންތިޒާމްތައް ފުރިހަމަކުރަން ވަނީ ފަށާފަ އެވެ. ރިޔާސް އިންޑިޔާއަށް އައިސް ކަރަންޓީނު މުއްދަތު ހަމަވާއިރަށް ކައިވެނި ކުރާ ގޮތަށެވެ.

ޑުބާއީގައި ހުންނަ އިންޑިޔާގެ ކޮންސިއުލޭޓްގައި އިންޑިޔާއަށް ދިއުމުގެ ހުއްދައަށް އެދި ރިޔާސް ހުށަހެޅި ލިޔުމުގައި ވަނީ "އެއް އަހަރު ދުވަހުއްސުރެ އިންތިޒާރު ކުރަމުން އައި ކައިވެނީގެ ރަސްމިއްޔާތަށް" ދާން ބޭނުންވާތީ ކަމަށެވެ.

ނަމަވެސް ރިޔާސްގެ ތަގްދީރުގައި މި ކައިވެނި ކުރެވެން ނެތުމުން ހުކުރު ދުވަހު ވެއްޓުނު ބޯޓުން މަރުވި މީހުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ. އޭނާއާއެކު މިބޯޓުން ދަތުރުކުރި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ނިޒާމުއްދީން ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ވިޔަސް މަރުން ސަލާމަތް ވެފަ އެވެ.

ރިޔާސްގެ ބޭބެ މިވަގުތު އޮތީ ހޮސްޕިޓަލުގަ އެވެ. އޭނާ ކައިރީގައި ރިޔާސް މަރުވި ވާހަކައެއް އަދި ނުބުނެ އެވެ.
ހޮނިހިރު ދުވަސް ވެގެން ދިޔައީ ރިޔާސް އާއި ހާނިޔާގެ އާއިލާ އަށް ހީނުކުރާ ވަރުގެ ބޮޑު ހިތާމައެއް ލިބުނު ދުވަހަކަށެވެ. ކައިވެންޏަށް ތައްޔާރުވަމުން އައި މި ދެ އާއިލާއަށް އެ ދުވަހު ބައިވެރިވާން ޖެހުނީ އެމީހުންގެ އަވަށުގައި ހުންނަ މިސްކިތުގައި އޮތް ރިޔާސުގެ ޖަނާޒާގަ އެވެ.

ރިޔާސްގެ ބޭބެ އަލީ ބުނި ގޮތުގައި ރިޔާސް މަރުވި ޚަބަރު ލިބުމާއެކު ހާނިޔާ އަށް ވަނީ ބަޔާން ވެސް ނުކުރެވޭވަރުގެ ބޮޑު ހިތާމައެއް ލިބިފަ އެވެ. އޭނާގެ ރުއިން ހުއްޓުވަން ދެފަރާތުގެ އާއިލާއަށް ވަނީ ނުކުޅެދިފަ އެވެ.